ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އެކުރައްވަނީ ވަރުގަދަ ގައުމީ ޖިހާދެއް ކަމަށާއި އެއީ ގައުމުގެ މިނިވަންކަމާއި މުސްތަގުބަލުގެ ހައްގުގައި ކުރައްވާ ޖިހާދެއް ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ މިވަގުތަކީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި އެއް އަޒުމެއްގައި އެކުވެރިކަމާއެކީގައި ތިބެންވީ ވަގުތު ކަމަށާއި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށެވެ.

މިކޯލިޝަން ރޫޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ކޯލިޝަންގެ ބަދަހި ސަފުތައް ރޫޅާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެންނުވާނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ ކޯލިޝަނުގެ މެންބަރުން ހިތްވަރު ލިބަގަންނަންވީ ރައީސް ޔާމީންގެ ކިބައިން ކަމަށާއި އެމަނިކުފާނު އެ ކުރައްވަނީ ވަރަށް ވަރުގަދަ ޖިހާދެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަޒުމަށް ގުޑުމެއް އައިސްގެންނުވާނެ، އަޅުގަނޑުމެންގެ އުންމީދު ފަނޑުވެގެންނުވާނެ، އަޅުގަނޑުމެންގެ ހިތްވަރު ބަލިވެގެންނުވާނެ، އަޅުގަނޑުމެން ތިބެން ޖެހޭނީ ރައީސް ޔާމީން އެ ދައްކަވާ ހިތްވަރުން ހިތްވަރު ލިބިގަނެ އެމަނިކުފާނާ އެކީގައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށްވުމަށް ޑރ. މުއިއްޒު އަމިއްލަފުޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖުތަކެއް ދައުރުވި އެވެ. ނަމަވެސް އެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގުކުރައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ޔާމީން އިއްޔެ ވަނީ ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރައީސް ޔާމީން ވަނީ ކެމްޕޭން މެނޭޖަރާއި އެޖެންޓް ވެސް ކަނޑައަޅުއްވާފަ އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.