މިނިވަން ދުވަހާއި އެ ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ވެސް ސުޕްރީމް ކޯޓު ހުޅުވުމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން ބުނީ މިނިވަން ދުވަހާ ގުޅިގެން މި ހަފްތާގައި އަންނަ ބަންދުގައި ވެސް އެކޯޓުން ވަކި ވަގުތުތަކެއްގައި މައްސަލަތައް ބަލައިގަންނާނެ ކަމަށެވެ. އަދި ހަފްތާގެ ހުކުރާއި ހޮނިހިރުގައި ވެސް ކޯޓް ހުޅުވާފައި ހުންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

ބަންދުގައި ކޯޓް ހުޅުވިފައި ހުންނަ ވަގުތުތައް

  • ޖުލައި 26 - ހެނދުނު 9 އިން 10 އަށް، އަދި މެންދުރުފަހު 1 އިން 2 އަށް
  • ޖުލައި 27 - ހެނދުނު 9 އިން 10 އަށް، އަދި މެންދުރުފަހު 1 އިން 2 އަށް
  • ޖުލައި 28 - މެންދުރުފަހު 2:30 އިން 3:30 އަށް
  • ޖުލައި 29 - ހެނދުނު 9 އިން 10 އަށް، އަދި މެންދުރުފަހު 1 އިން 2 އަށް

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރިޔާސީ ރޭހުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ޝަރުތާއި މެދު ހިލާފު އުފޭދޭ މައްސަލަތަކާއި ރިޔާސީ އިންތިހާބާއި ގުޅޭ އެހެން މައްސަލަތައް ވެސް ބެލުމުގެ ބާރު ލިބިފައި ވަނީ ސުޕްރީމް ކޯޓަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 23 ވަނަދުވަހު އެވެ. އެފުރުސަތު ހަމަވާނީ އަންނަމަހުގެ 7 ވަނަދުވަހު އެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން މިހާރުވެސް ދެ މައްސަލައެއް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އެ ދެ މައްސަލަ ވެސް އެ ކޯޓުން ބަލައިގަނެފައެއް ނުވެ އެވެ.