މާލޭގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވެ ހޮސްޕިޓަލްތަކުގެ އިމަޖެންސީ ރޫމް (އީއާރް)ތައް ފުރިއްޖެ އެވެ.

މާލޭގެ ހޮސްޕިޓަލްތައްކަމަށްވާ އައިޖީއެމްއެޗާއި، އޭޑީކޭ އަދި ސެނަހިޔާގެ އެމަޖެންސީ ރޫމްތައް މިހާރު ވަނީ ފުރިފަ އެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވީ މިދިޔަ ފަހުތާގައި ވެސް އެންމެ ގިނައީ ހޮޑުލެވޭތީ ޑޮކްޓަރަށް ދެއްކި ކުދިން ކަމަށެވެ. އެކަން ދިމާވަނީ މި ދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނީ މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަތް ރަނގަޅަށް ދޮވެގެން ނޫނީ ނުކެއުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ހޮޑުލެވޭ ގޮތްވާނަމަ އެކަމަށް ބޭސް ދިނުމަށްފަހު އަވަސް އަވަހަށް ދިޔާއެއްޗިހި ދިނުމަށް ވެސް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ހޮޑުލުން އިތުރުވެފައި ވަނީ ބައެއް މީހުން ތުހުމަތުކުރާގޮތުގައި ރޭ މާލޭގައި ބޭއްވި ފުޅަނދު ބުރުގެ ތެރެއިން ބެހި މެޓާތަކެއް ކައިގެން ދިމާވި މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ތެދެއްކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެ އެވެ.