ވަޒީފާތަކުގައި އުޅޭ މީހުން ދުވާލަކު އަށްގަޑިއިރު މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ ގަވާއިދެކެވެ. ނަމަވެސް މަސައްކަތުގެ ބުރަކަމާ ހެދި އެއަށްވުރެ ވެސް ގިނަ ވަގުތު މަސައްކަތުގެ މާހައުލުގައި ގިނަ ބަޔަކު ހޭދަކުރެ އެވެ.

ނަމަވެސް މިއީ ސިއްހަތަށް ކިހާ ގެއްލުން ހުރި ކަމެއްކަން އެނގެނީ މަދު ބަޔަކަށެވެ. މިފަހުން ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި ހަފްތާއަކު 46 ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހުންނަށް އެކި ވައްތަރުގެ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދައްކައިިފި އެވެ.

މިއީ ހަފްތާ ބަންދު ނުލައި ހަފްތާގެ ފަސް ދުވަހަށް ބަހާލައިފި ނަމަ ކޮންމެ ދުވަހަކު ނުވަ ގަޑިއިރު މަސައްކަތް ކުރުމެވެ. އިނގިރޭސި ވިލާތުގައ ހެދުނު މި ދިރާސާއަކީ ދިގު ވަގުތުތަކަށް މަސައްކަތް ކުރުމާއި ހިތުގެ ބަލިތަކާ ހުރި ގުޅުން ދެނެގަތުމަށް ކުރެވުނު ދިރާސާ އެކެވެ.

މި ދިރާސާގައި ބައިވެރިވި މީހުންނަކީ މަދުވެގެން ދިހަ އަހަރު ވަޒީފާ އަދާކޮށްފައިވާ މީހުންނަށް ވާއިރު އޭގެ ތެރެއިން 43 ޕަސެންޓް މީހުންނަށް އުމުރުގެ ފަހުކޮޅުގައި ހިތުގެ ބަލިތައް ޖެހިފައިވެ އެވެ. މީގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި ހާޓްއެޓޭކް އާއި ސްޓްރޯކްގެ އިތުރުން ހިތް ފެއިލްވުން ވެސް ހިމެނެ އެވެ.

އެހެން ކަމުން މަސައްކަތް ކުރަން ޖެހޭ ވަގުތު މަދުކޮށް ސިއްހަތާ ރައްޓެހި ވަޒީފާގެ މާހައުލެއް ގާއިމު ކުރުމަށް މި ދިރާސާގައި ވަޒީފާ ދޭ ފަރާތްތަކަށް ލަފާދީފައިވެ އެވެ.