ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ އިސް ވެރިން ވަޑައިގެންނެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިގަތުމާ މެދު އީސީން ގޮތެއްނިންމާ އަންގާފައިވަނީ އެ ފޯމު ބަލައި ނުގަނެވޭނެކަމަށެވެ.

ސަބަބެއްކަމަށް އެ ކޮމިޝަނުން ބުނަނީ އެމަނިކުފާނަކީ ޖަލު ހުކުމެއް ތަންފީޒުކުރާ ބޭފުޅަކަށް ވުމެވެ.

ނަމަވެސް ކޮމިޝަނުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ޝަރީއަތުގައި އެ ނިންމުމާ ޗެލެންޖު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އީސީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޯމް ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދުވަނީ ވިދާޅުވެފަ އެވެ.

"އެއްވެސް ލަސް ކުރުމެއް ނެތި ޕާޓީގެ ގާނޫނީ ޓީމުން ވަނީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެފަ. އެކަން ވަގުތުން ހިނގާނެ،" ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ޔާމީން ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވި ހާއްސަ ޖަލްސާއެއްގައި ޔާމީނަށް ވަނީ ޓިކެޓް ހަވާލުކޮށްފަ އެވެ.

ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށްޓަކައި ޖަލުގަ އެވެ. އެހެންވެ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ހައިކޯޓުގައި އޮތް އެ މަނިކުފާނުގެ މައްސަލަ ނުނިމި ދިގުލައިގެން ދަނީ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.