ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމުން އިދިކޮޅުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަލައި ނުގަންނަ ކަމަަށެވެ.

އެބަޔާނުގައި ވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝަންގެ ރިޔާސީކެންޑިޑޭޓް، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ނުދެކޭކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ ދެންނެވީމެވެ. އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ސައްހަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ދެންނެވީމެވެ." އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޯމް ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް މިއަދުވަނީ ވިދާޅުވެފަ އެވެ.

"އެއްވެސް ލަސް ކުރުމެއް ނެތި ޕާޓީގެ ގާނޫނީ ޓީމުން ވަނީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެފަ. އެކަން ވަގުތުން ހިނގާނެ،" ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ޔާމީން ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވި ހާއްސަ ޖަލްސާއެއްގައި ޔާމީނަށް ވަނީ ޓިކެޓް ހަވާލުކޮށްފަ އެވެ.

ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށްޓަކައި ޖަލުގަ އެވެ. އެހެންވެ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ހައިކޯޓުގައި އޮތް އެ މަނިކުފާނުގެ މައްސަލަ ނުނިމި ދިގުލައިގެން ދަނީ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.