ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަނި އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފި އެވެ.

މުއިއްޒު މި ޓިކެޓް ހޯއްދަވާފައި ވަނީ ޕީއެންސީ ސެނެޓުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓުގައި ދެ ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އެ ސިއްރު ވޯޓުން މުއިއްޒު އަށް ވަނީ ޖުމްލަ 25 ވޯޓެވެ. އޭނާއާ ދެން ވާދަ ކުރެއްވި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއަށް ލިބިވަޑައިގެންފައި ވަނީ 23 ވޯޓެވެ. މި ވޯޓުގައި ޖުމްލަ 48 ސެނެޓަރުން ވަނީ ވޯޓު ލައިފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީން ނިންމީ އެ ޕާޓީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ.