އެއްބަޔަކު ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނޫން މީހަކު ނެތް ކަމަށެވެ. އެއީ ސަރުކާރާ ސަރުކާރުން އާރާއި ބާރު ލިބިގެން ރައީސް ސޯލިހަށް ތާއީދުކުރާ މީހުންނެވެ. އަނެއް ބަޔަކު ބުނަމުން މިދަނީ "އިބޫ ނޫން ގޮތެއް" ހޯދަން ޖެހޭ ކަމަށެވެ. އެ ޚިޔާލަކީ ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުމުން ޕާޓީއިން ކެނޑިގެން ވަކި ޕާޓީއެއް އުފެއްދި ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލެވެ. ރައީސް ނަޝީދުގެ އެހެންވެސް އެބާވަތުގެ ޚިޔާލުތަކެކޭ އެއްފަދައިން އިބޫ ނޫން މީހަކު ހޮވުން ވެސް މިހާރު ވަނީ ފިކުރަކަށް ބަދަލުވެ، ސަރުކާރު ނޫން ހުރިހާ ސިޔާސީ ގްރޫޕްތަކެއްގެ ސްލޯގަނަކަށް ވެފަ އެވެ.

ވަކި މީހަކު ނޫން ކޮންމެ މީހަކު ނަމަވެސް ހޮވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި ކެމްޕޭނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގުވެރިކަން ބަދަލު ކުރުމަށް ކުރެވުނު ކެމްޕޭނެވެ. ރައީސް މައުމޫނުގެ ސަރުކާރު ވައްޓާލުމަށް ގޮވާލައި، އަޑުގަދަކުރަމުން ގެންދިޔަ މީހުން ބުނަމުން ދިޔައީ މައުމޫނުގެ ބަދަލުގައި "ބުޅަލެއް" ދެއްކި ކަމުގައި ވިޔަސް ވޯޓުލާނެ ކަމަށެވެ.

މައުމޫނާ ދެކޮޅަށް ހިންގި ހަރަކާތް ތަކުގެ ޗެމްޕިއަނަކަށް ވެ ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއެކު އެވެ.

އެ ތާއީދާއެކު ކުރައްވަން ފެއްޓެވި ވެރިކަން މާގިނަ ދުވަހަކު ދެމި އޮންނަ ގޮތެއް ނުވީ އެވަރުގެ މައްސޫލިއްޔަތެއް އަދާކުރައްވައި ގައުމެއް ހިންގޭ ފަދަ ގާބިލްކަމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ރައީސް ނަޝީދު ވެވަޑައިނުގެންނެވުމުންނެވެ. ވަކި މީހަކު ހޮވުނަ ނުދިނުމުގެ ނިޔަތުގައި ކޮންމެ ކޮންމެ މީހަކު ގައުމެއްގެ ވެރިކަމަށް ގެނައުމުގެ ހިތި ރަހަ ދިވެހި ރައްޔިތުންގެ ކަރުބުޑުގައި ރަނގަޅަށް އެފަހަރު ލި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ދައުރު ހަމަ ނުވަނީސް ނިމުނު ފަހުން ރާއްޖޭގައި 3 ބޭފުޅަކު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ. ވެރިކަމުގައި އަޑި އުސް މަގުތަކެއް ކަޑައްތު ކުރައްވައި އެ ހުރިހާ ބޭފުޅުންނަށް ވެސް ވަނީ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ރައީސް ޑރ. މުހައްމަދު ވަހީދަކީ ރައީސް ނަޝީދު އިސްތިޣުފާ ދެއްވުމުން ވޯޓަކާ ނުލައި ވެރިކަން ލިބި ވަޑައިގެންނެވި ބޭފުޅެކެވެ. ދެން ވެރިކަން ކުރެއްވި ރައީސް ޔާމީނަކީ ވާދަވެރި ކެމްޕޭނަކާއެކު ނެގުނު އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެނެވި ބޭފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެމުން ދިޔައިރު އެ ވެރިކަމާ ދެކޮޅަށް ހިންގުނު ތަފާތު ހަރަކާތްތަކާއި އެކަމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަކާ ހެދި ދެން އައި އިންތިޚާބު ވެގެން ދިޔައީ އަނެއްކާ ވެސް ރައީސް ޔާމީން ނޫން މީހަކު ހޮވުމަށް ކެމްޕޭން ކުރެވުނު އިންތިޚާބަކަށެވެ. އެ އިންތިޚާބުގައި ވެރިކަން ލިބި ވަޑައިގެންނެވި ރައީސް ސޯލިހަކީ އޭރުގެ ހާލަތު އޮތް ގޮތުން އެނޫން ޗޮއިސް އެއް ނެތިގެން އެމްޑީޕީ އިން ނެރުނު ކެންޑިޑޭޓެކެވެ.

ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މައުމޫން ނޫން މީހަކު ހޮވުމަށް 2008 ގައި ކެމްޕޭން ކުރި ފަދައިން 2018 ގައި ޔާމީން ނޫން މީހަކު ހޮވުމަށް ކުރި ކެމްޕޭނުގެ ވެސް އިސް މޭސްތިރިޔަކީ ކުރީގެ ރައީސް ނަޝީދެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމެމުން ދާއިރު މިއަދު ފެންނަމުންދާ މަންޒަރަކީ އަނެއްކާ ވެސް ރައީސް ނަޝީދު އިސްވެ ހުންނަވައި މިހާރުގެ ރައީސާ ދެކޮޅަށް "އިބޫ ނޫން މީހަކު" ހޮވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ މަންޒަރެވެ.

ރައިސް ނަޝީދު އިބޫ ނޫން ގޮތެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަ ޕާޓީއިން ކެނޑިގެން ވަކި ޕާޓީ އެއް ހައްދަވައިގެންނެވެ. އެހެން ނަމަވެސް އެ ޕާޓީއަކަށް ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތެވެ. އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމުގއިވާ ކޮންމެ ގޮތަކުން ނަމަވެސް އިބްރާހިމް މުހަންމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މިވަގުތު އެހެން ޕާޓީތަކުގެ އެހީ ބޭނުންވެއެވެ.

އެކަމަށްޓަކައި "އިބޫނޫން ގޮތެއް" ގެ ޝިއާރުގައި ރައީސް ނަޝީދު ފެށްޓެވި ކެމްޕޭން އެމަނިކުފާނު މިހާރު ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ތެރެއަށް ވެސް ވައްދަވައިފަ އެވެ. ހަގީގަތުގައި ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވަނީ އިބޫގެ ވެރިކަން ވައްޓާލުމެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮންމެ މީހަކު ވެރިކަށް އަޔަސް މައްސަލައެއް ނެތެވެ. އެހެނަސް އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ބޭނުމަކީ ހަގީގަތުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބު ކާމިޔާބު ކުރެއްވުމެވެ.

ދިވެހި ރާއްޖޭގައި ޕާޓީ ސިސްޓަމް ތައާރަފްވެ، ޑިމޮކްރެޓިކް އުސޫލުން ވެރިކަން ހިންގާތާ ޒަމާންތަކެއް ވެއްޖެ އެވެ. އެހެންކަމުން މިއަދުގެ ދިވެހި ރައްޔިތުން ވިސްނަން ޖެހޭނި ވަކި މީހަކު ވެރިކަމުން ވައްޓާލުމަށްޓަކައި ކުރިމަތިލި ކޮންމެ މީހަކަށް ވޯޓު ދިނުމަކަށް ނޫނެވެ. ވިސްނަނަވީ ކަމަށް އެކަށޭނަ ގާބިލް މީހަކަށް ވެރިކަން ހޯދައި ދިނުމެވެ. ވަކި މީހަކު ވައްޓާލުމަށް ކޮންމެ މީހަކު ކަމުގައި ވިޔަސް ހެޔޮ ކަމުގައި ވެގެން ނުވާނެއެވެ. ވޯޓަކީ އަމާނަތެކެވެ. އެ އަމާނާތް އަދާކުރަން ވާނީ އިހުސާން ތެރިކަމާއެކުގަ އެވެ.