"ޑޮން"ގެ ފިލްމުތަކަކީ ބޮލީވުޑްގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ. މިހާތަނަށް އެ ފިލްމުގެ ދެބައެއް ނެރެފައިވާއިރު އެ ދެ ފިލްމުވެސް ވެފައިވަނީ އާއްމުންގެ މެދުގައި މަގުބޫލު ދެ އުފެއްދުމަށެވެ.

މީގެ އިތުރުން އެ ދެ ފިލްމުގެ ލީޑް ރޯލް "ޑޮން"ގެ ގޮތުގައި ޝާހްރުކް ޚާން ދައްކުވައިދިން އެކްޓިން އަށް ވެސް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ. އޭނާއަކީ އެ ރޯލަށް އެންމެ ރަނގަޅު އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތެވެ.

ޑޮން ފްރެންޗައިޒްގެ ތިންވަނަ ފިލްމެއް ނުކުންނަން އުޅޭކަން ޑައިރެކްޓަރު ފަރްހާން އަޚްތަރު ޔަގީން ކޮށްދީފައިވާއިރު ގިނަ ބައަކަށް ހައިރާންކަން ލިބުނީ މިފަހަރު ޑޮންގެ ގޮތުގައި ޝާހްރުކް ޚާން ނޫން އެހެން ތަރިއެއް ފެނިގެންދާތީ އެވެ.

އެގޮތުން އާ ޑޮންގެ ގޮތުގައި ރަންވީރު ސިންހް ފެނިގެންދާ "ޑޮން 3" ގެ ފުރަތަމަ ފެނިލުން އާއްމުވެފައިވާއިރު ބެލުންތެރިންގެ ފަރާތުން އެއަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ ލިބެމުންނެވެ.

އެމީހުން ބުނާ ގޮތުގައި ޑޮންގެ ގޮތުގައި އެމީހުންނަށް ހަަމައެކަނި ފެންނަނީ ޝާހްރުކް ޚާނެވެ. އެއާއެކު މީގެ ކުރިން ނެރުނު ފިލްމުތައް ވެސް އެހާ ކާމިޔާބު ވެފައިވަނީ ޝާހުގެ ސަބަބުން ކަމަށް ވެސް އެމީހުން ބުނެ އެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޝާހްރުކް ޚާން "ޑޮން"ގެ ފިލްމުތައް ކުޅެން ފެށުމުގެ ކުރިން ހަމަ އެ ނަމުގައި އަމީތާބު ބައްޗަން ވެސް ފިލްމެއް ކުޅެފައިވާ ކަމެވެ.