ހަނދަށް ޖައްސާ އުޅަނދެއް ހިފައިގެން ދަތުރުކުރާ ރޮކެޓެއް ރަޝިޔާއިން އިއްޔެ ނައްޓާލައިފި އެވެ.

ރަޝިއާއިން ހަނދަށް ފޮނުވާ އުޅަނދު ހަނދަށް ޖައްސާނެ ކަމަށް ބެލެވެނީ މިމަހު 23 ވަނަ ދުވަހު އެވެ. އެ ދުވަހަކީ މިދިޔަ މަހު އިންޑިއާއިން ފޮނުވާލި އުޅަނދު ވެސް ހަނދަށް ޖައްސާނެ ކަމަށް ބެލެވޭ ދުވަހެވެ.

ލޫނާ 25ގެ ނަމުން ނަން ދީފައިވާ ރަޝިއާގެ އުޅަނދު ހަނދުގެ ދެކުނު ފަރާތަށް ޖެއްސުމުގެ ކުރިން ހަނދުގެ އޯބިޓުގައި ފަސްވަރަކަށް ދުވަސް ހޭދަ ކުރާނެ އެވެ. ރަޝިއާގެ މިޝަނުގެ ބޭނުމަކީ ހަނދުގެ ދެކުނު ބިތުން ހިލައާއި ވެލީގެ ސާމްޕަލް ނެގުމެވެ. އެ ސާމްޕަލުގެ ޒަރީއާ އިން އެހިސާބުގެ ވެށްޓާ ބެހޭ މައުލޫމާތު ދެނެގަނެވި ސްޓޭޝަނެއް ހެދުމަށް ބޭނުންވާ ކަންތައް ހޯދޭނެ ކަމަށްވެ އެވެ.

ހަނދުގެ ދެކުނު ބިތަކީ ސައިންސްވެރިންގެ މެދުގައި ޚާއްސަ ޝައުގުވެރިކަމެއް އުފެދިފައިވާ ދިމާއެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެ ހިސާބުގެ އިރުގެ އަލި އެއްގޮތަކަށް ވެސް ނުލިބޭ ސަރަހައްދުގައި ހުރެދާނެ ކަމަށް ބެލެވޭ ގަނޑުފެނަކީ އެ ފެން ކޮންމެ ވެސް ދުވަހަކުން ބަދަލުކޮށްގެން ވަޔަށާއި ރޮކެޓް ފިއުލްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

ރަޝިއާއަކީ ހަނދަށް ކާމިޔާބު ކަމާއެކު އުޅަނދެއް ތިރިކުރެވުމުގެ ޝަރަފު ދުނިޔޭގައި އޮތް އެންމެ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. ރަޝިޔާ ފިޔަވައި އެ ޝަރަފު ލިބިފައި ވަނީ އެމެރިކާ އާއި ޗައިނާއަށެވެ. އިންޑިއާއިން ހަނދަށް އުޅަނދެއް ތިރިކުރަން ކުރި މަސައްކަތް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެކަން ކާމިޔާބުކުރުމަށް އިންޑިޔާއިން މިދިޔަ މަހު ފޮނުވި ރޮކެޓުން ގެންދާ އުޅަނދަށް ވުރެ ކުރިން ހަނދަށް ޖެއްސުމަކީ ރަޝިއާގެ މިފަހަރުގެ މިޝަނުގެ އެއް މަގުސަދެވެ.

ޔުކްރޭން ހަނގުރާމައާ ހެދި ހުޅަނގުން ރަޝިޔާއަށް އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް އެގައުމުން ގެންދަނީ ސްޕޭސް ރޭސް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިވަގުތު އިންޓަނޭޝަނަލް ސްޕޭސް އެޖެންސީގެ ބައެއްގެ ގޮތުގައި ރަޝިއާ މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެގައުމުގެ އަމިއްލަ ސްޕޭސް ސްޓޭޝަން ޖައްވުގައި ގާއިމުކޮށް ނިމުމާއެކު ޖައްވީ ދިރާސާތައް ރަޝިއާ އިން ކުރަމުން ގެންދާނީ ވަކިންނެވެ.