ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކަންތައް ކުރިޔަށް ގެންދިއުމަށްޓަކައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އާ ބޮޑު ވަޒީރަކު އައްޔަން ކޮށްފި އެވެ.

އާންމު އިންތިޚާބު ބާއްވާ ދުވަސްވަރު ވަގުތީ ސަރުކާރެއް އެކުލަވައިލުމަކީ ޕާކިސްތާނުގައި އާންމުކޮށް ކުރާ ކަމެކެވެ. ވަގުތީ ބޮޑު ވަޒީރަކަށް އައްޔަން ކޮށްފައި ވަނީ ބަލުޗިސްތާން ޕްރޮވިންސްގެ މެންބަރަކަށް ހުންނެވި އަންވާރުލް ހައްގު ކަކާރު އެވެ.

ކަކާރު ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރަކަށް އައްޔަން ކުރެވުނީ މިހާރުގެ ބޮޑު ވަޒީރު ޝަހުބާޒު ޝަރީފުގެ ރުހުމާ އެކު އެވެ.

ޝަހުބާޒު ޝަރީފަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ބޮޑު އިމްރާން ޚާން ވެރިކަމުން ވަކިކުރުމުމަށް ފަހު 2022 ވަނަ އަހަރު އެޕްރީލް މަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ބޭފުޅެކެވެ. ޝަހުބާޒު ޝަރީފަކީ ކުރީގެ ރައީސް ނަވާޒު ޝަރީފްގެ ކޮއްކޮއެކެވެ.

ކަކާރަކީ ޕާކިސްތާނުގެ ބަލުޗިސްތާނުގެ ގޮނޑި އާދީއްތަ ދުވަހާ ޖެހެން ދެން ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އަދާކުރައްވަމުން ގެންދެވި ބަލުޗިސްތާން އަވާމީ ޕާޓީގެ ލީޑަރު ކަމުންނާއި މެންބަރުކަމުން އިސްތިޣުފާ ދެއްވީ ވަގުތީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ނިންމުމާ ގުޅިގެންނެވެ.

މަގާމުން ވަކިވެ ވަޑައިގަންނަވާ ބޮޑުވަޒީރު ޝަހުބާޒު ޝަރީފް، އޭނާގެ ވަދާއީ ތަގުރީރުގައި ވިދާޅުވީ ކަކާރުގެ ބެއްލެވުމުގެ ދަށުން މިނިވަން އިންތިޚާބެއް ބޭއްވޭނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އިންތިޚާބު ކައިރި ވެފައިވާއިރު ޕާކިސްތާން ވަނީ ސިޔާސީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގަ އެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ބޮލުގައި އަޅުވައި، ތިން އަހަރަށް ޖަލަށް ލައިފަ އެވެ.

އިމްރާން ޚާނަށް ވަނީ ކުރިއަށް އޮތް ފަސް އަހަރު ސިޔާސީ މަގާމަކަށް ވާދަނުކުރެވޭ ގޮތަށް ހުކުމްކޮށްފަ އެވެ.

އިމްރާން ޚާން ޖަލަށްލުމުގެ އިތުރުން އޭނާގެ ޕާޓީގެ އެތައް ހާސް ސަޕޯޓަރުންނެއް ވެސް ދަނީ ހައްޔަރު ކުރަމުންނެވެ.

އިމްރާން ޚާންގެ ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގުމުގައި ހުރަސްތައް ކުރިމަތިކުރަމުން ގެންދިޔަ ނަމަވެސް އިންތިޚާބުގައި ޝަހުބާޒު ޝަރީފުގެ މުސްލިމް ލީގަށް އިމްރާން ޚާންގެ ޕީޓީއައިއަކީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.