ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގައި ދީޕިކާ ޕަދުކޯންގެ ހާއްސަ ފެނިލުމެއް ފެނިގެން ހިނގައިދާނެ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މިއަޑުތައް ގަދަވެފައިވަނީ ޖަވާންގެ އެންމެ ފުރަތަމަ ލަވަ "ޗަލެޔާ"ގެ ޓްރެއިލާ ޝާހު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ދީޕިކާ އެ ޕޯސްޓަށް ކުރި ކޮމެންޓަކާއެކު އެވެ.

ދީޕިކާގެ ކޮމެންޓާއެކު އޭނާގެ ފެނިލުމެއް ޖަވާން އިން ފެނިގެން ހިނގައިދާނެތޯ ސަޕޯޓަރުން ކުރާ ސުވާލުތައް ވަނީ އިތުރުވެފަ އެވެ. ބައެއް މީހުން ވަނީ ދީޕިކާގެ ކޮމެންޓަށް ވެސް ރައްދު ދީފަ އެވެ.

މި އަޑުތަކަށް އިތުރު ބާރެއް ލިބޭ ކަމަކީ މި އަހަރުގެ ކުރީކޮޅު ޝާހުއާއި ދީޕިކާ އެކުގައި ލަވައެއް ޝޫޓް ކުރަނިކޮށް ފެނިފައވުމެވެ. މި ދެތަރިން އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުން ނުދާއިރު އެއީ ޖަވާންގެ ލަވައެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ކަން މިހެން އޮތް ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރުންނާ އެ ދެތަރިންކުރެ އެކަކު ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޝާހުއާއި ދީޕިކާ މީގެ ކުރިން ހަތަރު ފިލްމަކުން އެކުގައި ފެނިގެން ދިޔަ އެވެ. އެއީ "އޯމް ޝާންތި އޯމް"، "ޗެންނާއީ އެކްސްޕްރެސް"، "ހެޕީ ނިއު އިޔާ" އަދި "ޕަތާން" އެވެ.

މީގެ އިތުރުން ވެސް ޝާހުގެ ގިނަ ފިލްމުތަކެއްގައި ދީޕިކާގެ ހާއްސަ ފެނިލުންތައް ފެނިގެން ގޮސްފައިވެ އެވެ.