ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ކެންސަރަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗްގައި ގާއިމްކުރި އޮންކޮލޮޖީ ވޯޑު މިއަދު ހުޅުވައިފި އެވެ. 

މި ވޯޑު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް، ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އިތުރުން އެ ހޮސްޕިޓަލްގެ ވެރިންނާއި ބީއެމްއެލްގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. 

ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާގެ ހިލޭ އެހީދީފަ އެވެ. މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ. 

ކެންސަރަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗްގައި ގާއިމްކުރި އޮންކޮލޮޖީ ވޯޑު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުވައިދެއްވުމަށްފަހު އެތަން ބައްލަވާލައްވަނީ. ފޮޓޯ: ބީއެމްއެލް

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ޕްރޮޖެކްޓްތައް ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކުރި ކަމަށެވެ.

"މިގޮތުން މިއަދު ހުޅުވިގެން މިދާ އޮންކޮލޮޖީ ވޯޑަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށްވެސް ވަރަށް ބޭނުންތެރި މުހިންމު ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑު މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން،"  އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ގާއިމްކުރި މި ވޯޑުގައި 8 ކިޔުބިކަލް ހިމެނެ އެވެ. އެހެންކަމުން އެއް ފަހަރާ 8 ޕޭޝަންޓުންނަށް އެޑިމިޓްކޮށްގެން ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.