އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޯވިޑް 9 ގެ ވެކްސިން މާދަމާ ރާއްޖެއަށް ގެންނާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

އެގޮތުން މާދަމާ 2:00 ގައި ރާއްޖެ އަންނަ ފްލައިޓްގައި މި ވެކްސިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ. އަދި މިކަމާ ގުޅޭގޮތުން ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތަކުން ލިބެންޖެހޭ ހުއްދަތަކާއި ކަންކަން ނިމިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްތަކުގައިވާ ގޮތުން އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަކީ އެ ގައުމުގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންއަށް އެ ގައުމުން ހުއްދަ ދީފައިވަނީ ބަލަންޖެހޭ ވަރަށް ނުބަލައި ކަމަށް އެ ގައުމުގެ މާހިރުން ވެސް ވަނީ ބުނެފަ އެވެ. އަދި މި ވެކްސިން ޖެހި ބައެއް މީހުންނަށް އެކިކަހަލަ މައްސަލަތައް ކުރިމަތިވާ ކަމުގެ ރިޕޯޓްތައް ވެސް ހާމަކޮށްފައިވެ އެވެ.

މިކަމާގުޅޭ ގޮތުން ސަރުކާރުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އިންޑިއާ ސަފީރު ދާދިފަހުން ވަނީ ރާއްޖެއަށް އިންޑިއާއިން ވަރަށް އަވަހަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން ލިބޭ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.