ރިޔާސީ އިންތިހާބަށް މަސް ދުވަހަށް ވުރެ ވަގުތު ކުޑަވެއްޖެ އެވެ. ކެމްޕެއިންތަކުގެ ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަދަވެއްޖެ އެވެ. ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ވެސް އިތުރުވެއްޖެ އެވެ.
އެހެން ނަމަވެސް މި ޖޯޝާއި ފޯރީގެ ތެރެއިން އަހަރުމެންގެ ގައުމުން ފެންނަން ބޭނުންނުވާ ބައެއް މަންޒަރުތައް ވެސް ފެންނަމުންދާ ކަމީ ހިތާމައާއެކު ފާހަގަ ކުރަންޖެހޭ ކަމެކެވެ.
އެންމެ ފުރަތަމަ ކަމަކަށް ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ސުލްހަވެރިކަމަށް ބަލާލަމާ ހެއްޔެވެ؟ ތިމާއާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެއްޖެ މީހަކީ އަދުއްވެއްގެ ގޮތުގައި ދެކޭ މީހުން މިއަދު މަދެއް ނޫނެވެ.
އެފަދަ މީހަކާ އެއް މޭޒެއްގެ މަތިން ކާން ބޭނުންނުވާތާ އެންމެ ކުޑަމިނުން އަނގައިން ވެސް ބުނަން ބޭނުންނުވާ ހިސާބަށް އަހަރުމެންގެ އިޖުތިމާއީ ފޭރާން ވަނީ ގޯސްވެފަ އެވެ.
ހަމައެފަދައިން ކެމްޕެއިންތަކުގެ ތެރެއިން ހަޑި ހުތުރު ބަސްތައް ބޭނުން ކުރުމާއި އަމިއްލަ ފަރާތްތަކުގެ އަބުރަށް އަރައިގަތުމަކީ ވެސް މިއަދުގެ މުޖުތަމައުން ފެންނަމުންދާ މަންޒަރެކެވެ.
ދެން އޮތީ ދޭދޭ ފަރުދުންނާއި ދައުލަތުގެ މުދަލަށް ދެމުން އަންނަ ގެއްލުމުގެ ވާހަކަ އެވެ. މިފަހަރުގެ ކެމްޕެއިންގެ ތެރެއިން ތަނެއްގައި ހުޅުޖަހައި ރޯކޮށްލި ވާހަކަ ވެސް އަހަރުމެން އަޑު އަހައިފީމެވެ. ކެމްޕެއިން ޖަގަހަތަކަށް ކަޅުތެޔޮ ޖަހައި އެކި ކަހަލަ ގެއްލުން ދިން މަންޒަރު ވެސް މާޒީއިން އަހަރުމެންނަށް ފެންނަން އެބަ އޮތެވެ
މާލެއާއި އަތޮޅުތެރޭގައި އަމިއްލަ ފަރުދުންގެ ގެދޮރުގެ މަގުމަތީ އިންފާރުގައި އިދިކޮޅު ފިކުރަށް ފުރައްސާރަކޮށް އެކި ބަސް ބަސް ލިޔަނީ ވެރިންގެ ހުއްދައަކާ ނުލަ އެވެ. މިފަދަ ބައެއް ފާރުތަކުގައި ކުޑަކުދިންނަށް އެކަށީގެން ނުވާ ބަސްތައް ވެސް ލިޔެފައި ހުރެ އެވެ.
މިއީ ހައްތާވެސް ކެމްޕެއިން ކުރުމުގެ ރޫހާ ޚިލާފު ނާތަހުޒީބީ އަމަލުތަކެވެ. މިއަދުގެ މާހައުލުން އަހަރުމެންނަށް މަދުން ނަމަވެސް ފެންނަ ކަންކަމެވެ.
އެނގެންޖެހޭ ކަމަކީ ކެމްޕެއިން ކުރުމުގައި ވެސް ވަކި މިންގަނޑަކާއި ހުދޫދުތަކެއް ގެންގުޅެންޖެހޭ ކަމެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އެކަކު އަނެކަކުގެ ހައްގުތަކަށް އަރައިގަތުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ކުރިއަށް ވެސް އޮތީ ކެމްޕެއިންގެ ފޯރި އިތުރަށް ގަދަވާނެ ދުވަސްތަކެއް ކަން ކަށަވަރުވެ އެވެ. އެހެން ކަމުން ކެމްޕެއިންތަކުގައި ހަރަކާތްތެރިވާއިރު މިކަމަށް ސަމާލުވުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ އަދި އިޖުތިމާއީ ޒިންމާ އެކެވެ.