ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ހޯދައިދިނުމުން ލިބުނު އިނާމަކީ ޖަލަށްލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވެސް އެމަނިކުފާން ވާދަކުރައްވަނީ ކީއްވެބާވައޭ ބައެއް ހިތްޕުޅަށް އަރައިވަޑައިގެންފާނެ ކަމަށާއި ކުރީ ފަހަރު (ޔާމީން ވެރިކަމަށް ވަޑައިގެން) ވެސް އޮތީ ޖަލަށްލާފައި ކަމަށެވެ.

"އޭނާ (ރައީސް ޔާމީނަށް) ވެރިކަން ހޯދައިދިނުމުން އަޅުގަނޑަށް ލިބުނު އިނާމު އެއީ. އަޅުގަނޑާއި އަޅުގަނޑުގެ ދަރިން ޖަލަށްލާފައި. އަޅުގަނޑުމެން ވަރަށް ހާލުގައި އުޅުނީ. އަޅުގަނޑުގެ ކުންފުނި ފުނޑާލަން މަސައްކަތް ކުރީ. އެކަމަކު ﷲ އެ ގޮތަކަށް ކަންތައް އިރާދައެއް ނުކުރެއްވި. އެކަމަކު މިހާތަނަށް އައި އިރު ކަންތައް ވަމުންދާ ގޮތް އެ އޮތީ ފެންނަން ދެއްތޯ. މާތް ﷲ އިރާދަފުޅުން އަޅުގަނޑު މިހުރީ މިފަހަރު ކެންޑިޑޭޓަށް ނުކުމެ. އެކަމަކު ރައީސް ޔާމީނަކަށް ނުކުމެވަޑައިނުގެންނެވުނު،" ޖަލު ހުކުމަކާ ގުޅިގެން މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

އޭނާ (ރައީސް ޔާމީނަށް) ވެރިކަން ހޯދައިދިނުމުން އަޅުގަނޑަށް ލިބުނު އިނާމު އެއީ. އަޅުގަނޑާއި އަޅުގަނޑުގެ ދަރިން ޖަލަށްލާފައި. އަޅުގަނޑުމެން ވަރަށް ހާލުގައި އުޅުނީ. އަޅުގަނޑުގެ ކުންފުނި ފުނޑާލަން މަސައްކަތް ކުރީ. އެކަމަކު ﷲ އެ ގޮތަކަށް ކަންތައް އިރާދައެއް ނުކުރެއްވި. އެކަމަކު މިހާތަނަށް އައި އިރު ކަންތައް ވަމުންދާ ގޮތް އެ އޮތީ ފެންނަން ދެއްތޯ. މާތް ﷲ އިރާދަފުޅުން އަޅުގަނޑު މިހުރީ މިފަހަރު ކެންޑިޑޭޓަށް ނުކުމެ. އެކަމަކު ރައީސް ޔާމީނަކަށް ނުކުމެވަޑައިނުގެންނެވުނު،
ގާސިމް

"ކިހިނެއްތޯ މިވީ. މަންޒަރު ﷲ ބަދަލު ކުރެއްވި ގޮތް މި އޮތީ ފެންނަން. ތަދުބީރު ކުރާ މީހާ ކޮންމެ ގޮތަކަށް ވެސް ކޮށްފާނެ. އެހެން ނަމަވެސް ތަގްދީރު މި އޮންނަނީ އޭގެ މައްޗަށް ހީލަހީލާ. އަޅުގަނޑުމެންނަށް ނުވިސްނޭކަން. އިންސާނުންނަށް ކަންތައްތައް ނޭނގޭކަން މިންވަރާ މެދު. ތަގްދީދު ރޭވިގެން އައި ގޮތް މިއޮތީ ފެންނަން ދެއްތޯ. އަޅުގަނޑުވާ ޖަލަކަށް ވެސް ނުލެވުނު މާތް ﷲ އިރާކުރެއްވިއްޔާ. އަޅުގަނޑު ހުރީ ޖަރުމަނު ވިލާތުގައި. ވަރުގަދަ ގަވަރްމަންޓުން ސޓީތައް ފޮނުވަ ފޮނުވާ އެގޮތް މިގޮތް ހެދިއިރު ވެސް ސިންގަޕޫރަކުން ވެސް، ޖަރުމަނު ވިލާތަކުން ވެސް، އެހެންތާކުން ވެސް އަޅުގަނޑު ފޮނުވާ ނުލެވުނު."

ކޯޓުތަކުގެ ކަންކަން ހުރި ގޮތަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުން ޔާމީނު ނުހޮވުނުކަން އެނގުމާ އެކު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލައިގެން ރާއްޖެ ގެނެވޭނެ މަގު އޮތްކަން ފެނިއްޖެ ކަމަށެވެ. އެކަމަކު އޭރު ވެސް އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ތިން ސަބަބެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެ ތިން ސަބަބަށް ވެސް އޭނާ ފެތޭ ކަމަށާއި އެކަމަކު ޔާމީން ނުހޮވުނުކަން އެނގުމާ އެކު އޭގެ އަނެއް ދުވަހު އޭނާ ދޫކޮށްލާނެ ގޮތް ފެނިއްޖެ ކަމަށެވެ.