ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރު ގައުމަކުން ނުވަތަ ބައެއްގެ އަތުން ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހދ. ފިނޭގައި ގާސިމް ވިދާޅުވީ އޭނާ ފައިސާ ހޯދީ އަމިއްލަ ބުރަ މަސައްކަތުން ކަމަށާއި ބޭރު ގައުމުތަކުން ދިން ފައިސާއެއް ނޯންނާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ރަށްރަށުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.

"ދައުލަތުގެ އެއްޗިއްސަށް ހަރާންކޯރު ވަނީ، މިއީކީ އެކަން ކުރަން އޮތް ގޮތެއް ނޫން. މިއީ ހަޑި ހުތުރު އަމަލެއް، މުޑުދާރު އަމަލެއް މިއީ. މިކަންކަމުން ދިވެހި ރައްޔިތުން ސަލާމަތްވާން ޖެހޭ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއް ބަޔަކު ބޭނުން ވާނީ ﷲ ގެ މަގުގައި އިހްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްގެން ލިބޭ އެއްޗެއްގެ ބޭނުންކޮށްގެން އަނބިދަރިންނަށް ކާންދީ ބޯންދީ ހަދަން ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ރާއްޖެ އަށް އަމާންކަން ހޯދައިދީ، ދިވެހީންނަށް ތަނަވަސްކަމާއި އުފާވެރިކަމާއި ރޯޝަނީ ކަން ހޯދައި ދިނުމަށް ކަމަށެވެ.

"ތިޔަބޭފުޅުން ގަބޫލު ކުރެއްވިޔަސް، ނުކުރެއްވިޔަސް މި ދެންނެވި ގޮތަށް ނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އަޅުގަނޑު ބޮޑު ވަޒީފާއެއް ހޯދުމަށް ވެސް މަސައްކަތެއް ނުކުރަން. އަޅުގަނޑު އަދާ ކުރި މަގާމެއް އަދާ ކުރީ މި އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް،" ގާސިމް ވިދާޅުވި އެވެ.