އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ތަހުގީގު ފަށައިފި އެވެ.

ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް، އެމްއެމްޕީއާރުސީ ވައްކަމުގެ ފައިސާއިން ބައެއް އޭނާއަށް ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

ލުތުފީގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ މެލޭޝިއާގައި ހުންނެވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވުމުންނެވެ. ލުޠުފީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭސީސީގެ ރައީސްކަމުގެ މަގާމުގައި ލުތުފީ ހުންނެވަނިކޮށް ވަނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފެށި އެވެ. އަދި އިތުރު ބަޔަކު ވެސް ހިމެނޭ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ލުތުފީ ރާއްޖެ ވަޑައިގެން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އައްޑޫސިޓީއަށް މުއިއްޒު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ލުތުފީ ވެސް ވަޑައިގެންފައިވެ އެވެ.

އޭސީސީގެ ރައީސްގެ މަގާމުން ލުތުފީ ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ކޮމެޓީން ނިންމުމުން މަގާމުން އިސްތިއުފާދެއްވީީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ.