ޒަމާނުއްސުރެ ގދ. ގައްދޫ ރައްޔިތުން ބޭނުންކުރަމުން އައި ގައްދޫ ގަން އަނބުރާ ގައްދޫ ރައްޔިތުންނަށް ދެއްވާނެ ކަމަށާއި، އެ ރަށުން ގައްދޫ އަދި މުޅި އަތޮޅުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ގައްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ޒައާމަތުގައި ގައްދޫގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތައް ހުރީ ފެންނަން ކަމަށާއި، އެއާޕޯޓު ފަދަ ބޮޑެތި އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ގެދޮރުގެ މަޝްރޫޢުތައް ފެންނަން އެބަހުރި ކަމަށެވެ.
ގައްދޫގެ ކުރިއެރުމަށް އެންމެ މުހިންމު އެއް ކަމަކީ މާވަރުލު އެއާޕޯޓް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ފްލައިޓްތައް އިތުރުކޮށް، ރައްޔިތުން އެދޭ ތަރައްގީ އެއާޕޯޓަށް ގެނެސްދެއްވާނެ ކަމަށެވެ. އަދި، އެއާޕޯޓާ އެކު ސަރަހައްދުގައި އިތުރު ރިސޯޓްތައް ވެސް ވުޖޫދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓަކީ ފުރިހަމަ ކުރެވިފައިވާ އެއާޕޯޓަކަށް ހަދައިދޭނަން. އެއާޕޯޓާ އެކު ޓޫރިޒަމް ފުޅާވެގެން ދިޔުމުން ހަގީގީ ކުރިއެރުން މި ސަރަހައްދަށް އަންނާނީ،" މުއިއްޒު ވިދާޅުވި އެވެ.
ގައްދޫ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަމަކީ އެރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުންކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އެފަދަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެ ރަށުގައި ތަރައްޤީކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އޭގެ އިތުރުށް ގައްދޫއަކީ މުހިއްމު ސާފިން ޕޮއިންޓަކަށް ވާތީ އެތަނުގައި ސާފިން ފަތުރުވެރިކަން ތަރައްގީ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގައްދޫ ފަދަ ރަށްތަކަށް ބޭނުންވަނީ ގެދޮރުވެރިކަން ކަށަވަރުވެ، އަމިއްލަ ފުދުންތެރިކަން އިތުރުވުން ކަމަށެވެ. ސަރުކާރުތަކުން ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަމަކީ ވެސް އެއީކަން އޭނާ ފާހަގަކުރެއްވި އެވެ.