މުސްލިމް އަންހެނުން އަޅައި އުޅޭ ހެދުމެއް ކަމަށް އަބާޔާ ލައިގެން ފްރާންސްގެ ސަރުކާރު ސްކޫލްތަކަށް ނުދެވޭ ގޮތް ހަދާނެ ކަމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ގެބްރިއަލް އަޓާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މި އަހަރުގެ ސްކޫލުތަކުގެ އަހަރީ ޗުއްޓީ ނިމި ހުޅުވަން ކައިރިރި ވެފައިވަނިކޮށެވެ.

ފްރާންސްގެ ސްކޫލްތަކުގައި ދީނީ ނިޝާންތައް ބޭނުންކުރުން ވަނީ 19 ވަނަ ގަރުނުގެ ތެރެއިން ފެށިގެން ވަރަށް ހަރުކަށި ގޮތެއްގައި މަނާ ކޮށްފަ އެވެ. ކެތަލިކް ނުފޫޒު ސަރުކާރުގެ ސްކޫލްތަކުން ދުރުކުރުމުގެ ބޭނުމުގައި ތައާރަފްކުރި މިގާނޫނުގެ ސަބަބުން އެގައުމުގައި އިތުރުވަމުން އަންނަ މުސްލިމް އާބާދީއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާންޖެހިފަ އެވެ.

2004 ވަނަ އަހަރު ފްރާންސުން ވަނީ ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުދެވޭ ގޮތަށް ގަވައިދު ހަދައިފަ އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ވަނީ މޫނު ބުރުގާ އަޅައިގެން އާންމު ތަންތަނުގައި އުޅުން ވެސް މަނާ ކޮށްފަ އެވެ. މި މައްސަލާގައި ފްރާންސްގެ ފަސް މިލިއަން މުސްލިނުގެ ތެރެއިން ގިނަ ބައެއްގެ ރުޅިވެރިކަން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ފްރާންސްގެ ސަރުކާރުގެ ޕޮލިސީތަކުގައި ސެކިއުލަރިޒަމް ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަ އެވެ. އެގައުމުގެ ކޮންމެ އިންތިޚާބެއްގައި ވެސް މިކަން މައްސަލައަކަށް ނަގަ އެވެ.

"ކުއްޖަކު ސްކޫލަށް ވަދެގެން ދާއިރު އެކުއްޖާ ލައިގެން ހުންނަ ހެދުމަށް ބަލައިގެން އޭނާގެ ދީން ވަކިކުރަން އެނގެން ޖެހޭނެ ކަމަކަށް ނުދެކެން،" ޓީވީ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.