ޝާހްރުކް ޚާންއާއި ސަނީ ޑިއޯލްއަކީ ދާދި އެއް ދުވަސްވަރެއްގައި ބޮލީވުޑަށް ނުކުތް ދެ ތަރިންނެވެ. މި ދެތަރިން ވަނީ އެކުގައި ބައެއް މަސައްކަތްތައް ވެސް ކޮަށްފަ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް އެއް ކަމަކީ މި ދެތަރިންގެ މެދުގައި މައްސަލަޖެހި 16 އަހަރު ވަންދެން އެކަކު އަނެކަކީ ވާހަކަ ނުދައްކާ އުޅުނު ކަމެވެ.

މި މައްސަލަ ޖެހެން މެދުވެރިވީ ޔަޝް ރާޖް ފިލްމްސްގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ޑަރް"ގައި އެދެތަރިން އެކުގައި މަސައްކަތްކުރި ފަހުންނެވެ.

އެ ފިލްމުގައި ސަނީ ބަތަލެއްގެ ބައި ކުޅުނު ނަމަވެސް ގިނަ މީހުންގެ ތައުރީފާއި ސަމާލުކަން ލިބުނީ ނުބައި ބައި ކުޅުނު ޝާހްރުކް ޚާން އަށެވެ.

އެކަމާ ހިތްހަމަ ނުޖެހި ސަނީ ބުނެފައިވަނީ ދެން ދުވަހަކުވެސް ޔަޝް ރާޖްއާއެކު މަސައްކަތް ނުކުރާނެ ކަމަށާއި އެއީ ވައުދުތައް ފުއްދަން އެނގޭ ބައެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ވަރަށް ފަހަކާ ޖެހެންދެން ވެސް ޝާހްރުކްއާއި ސަނީ ވާހަކަ ނުދައްކައި ތިއްބެވެ. އެހެން ނަމަވެސް ސަނީގެ އެންމެ ފަހުގެ ފިލްމު ގަދަރް 2 ގެ ކާމިޔާބާއެކު ޝާހްރުކް ވަނީ ސަނީއަށް މަރުހަބާ ކިޔާފަ އެވެ.

ދެތަރިންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މިފަހުން ދިން އިންޓަވިއުއެއްގައި ސަނީ ބުނީ ވަގުތަކީ އެންމެ މޮޅު ފަރުވާ ކަމަށާއި ވަގުތާއެކު އެ ދެމެދުގައި އޮތް މައްސަލަ ވެސް ރަނގަޅުވެފައިވާ ކަމަށެވެ.

ސަނީ ގަދަރް 2ގެ ކާމިޔާބީ ފާހަގަ ކުރަމުން އަންނައިރު ޝާހު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.