އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ހަމައަށް ނިދާނެ ކަމެއް ނެތް ކަމަށާއި ކެމްޕޭން ހަރަކާތްތައް އިތުރު ގިޔަރަށް މަތިކޮލުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ޓީމުތަކުގައި މިއަދު އެދިވަޑައިގެންފި އެވެ.
ކެމްޕޭން ނިންމާލުމުގެ ގޮތުން އައްޑޫގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް މިހާރު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެސިޓީގެ ހުޅުދޫއަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.
"ކެމްޕޭން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލާށޭ. ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ. އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުން ވަނީ އެންމެ ވޯޓެއް. ނުކުމެ އެންމެން ވެސް ވޯޓުލާށޭ. އާއިލާ އާއި ރައްޓެހިން ވެސް ނުކުމެ ވޯޓުލާށޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މި އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ވަނީ އެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން, ރާއްޖޭގެ މަދު ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސީދާ ރައީސް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުދިގެންދާއިރު އެ ސިޓީއަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އައްޑޫ ސިޓީއަށް ގެނެވިފައިވާ ބަދަލުތަކާއި، ފުދެމުންދާ ވައުދުތަކަށް ބައްލަވައި ހުރިހާ ބޭފުޅުން ވެސް އިންތިހާބުގައި ރައީސަށް ވޯޓުލުމަށް ވެސް އެދިވަޑައިގަތެވެ.
އައްޑޫގެ ދަތުރުފުޅުގެ ތެރެއިން މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް އެމްޑީޕީން ބާއްވާނެ އެވެ. އެ ޖަލްސާގައި ރައީސްގެ އިތުރުން އެމްޑީޕީގެ އައްޑޫ ލީޑާޝިޕާއި ސަޕޯޓަރުން ބައިވެރިވާނެ އެވެ. އެމަނިކުފާނު އިއްޔެ އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީގެ އެތައް ހާސް ބަޔަކު ވަނީ ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.
އާއެކޭ މިތިބީ ހަމަ ތިގޮތުގައި އިންޝާ ﷲ އެއްބުރުން މިކަން ނިންމާލާނީ