އައްޑޫގައި ވަކިން އޮންނަ ހުޅުދޫ އާއި މީދުއަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިތުރު އިދާރީ ބާރުތައް ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީގެ މީދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ބާރުތައް ވީ އެންމެ ބޮޑަކަށް ރަށްތަކަށް ދޫކޮށްލުން ކަމަށެވެ. ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބޮޑެތި ބާރުތައް މިހާރު ވެސް ދޫކޮށްލާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ހާއްސަކޮށް، އައްޑޫ ސިޓީގައި ވަކިން މި އޮތް ދެ ރަށަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި މިއަށް ވުރެ ލާމަރުކަޒީ އަޅުގަނޑުމެން ކުރަން އެބަ ޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީދޫ އާއި ހުޅުދުއަކީ އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކިން އޮންނަ ދެ ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިދާރީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ ހިދުމަތްތައް އެ ދެ ރަށުން މިހާރަށް ވުރެ ރަނގަޅަށް ލިބެން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ވެސް އެ ކަންތައް ކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ
"ކުރިއަށް މި އޮތް ދައުރު ތެރޭގައި އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް މި ފައްކާ ކުރާ ނިޒާމުގެ ތެރެއިން މިފަދަ ބާރުތައް ސިޓީ ކައުންސިލްތަކުން ރަށްރަށާ ހިސާބަށް، މި ގޮތަށް ގިނަ ރަށްތައް އެކުވެގެން އުފެދިފައި ހުންނަ ސިޓީ ކައުންސިލްތަކުން ދޫކޮށްލެވޭނެ. އެއީ އެއްވެސް އިޝޫއެއް [މައްސަލައެއް] ނޫން،" ރައީސް ވިދާޅުވި އެވެ.
މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ޖަލްސާގައި އައްޑޫގެ ތަސައްވުރާ ގުޅޭ ގޮތުން ރައީސް ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.