ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީކޮށް އެމްޑީޕީއިން ވަނީ ނަޝީދު އާއި އީވާގެ މައްސަލަ އަނބުރާ ގެންދިޔުމަށް ނިންމާފަ އެވެ.
އެހެން ނަމަވެސް މިއަދުގެ ޖަލްސާ ފެށިއިރުވެސް ނަޝީދުގެ މައްސަލަ އަނބުރާ ގެންދާ ވަރަށް މެންބަރުންގެ ސޮއި ނުގަނާތީ މަޖިލީހުން ފުރަތަމަ ނިންމީ މިިިމައްސަލަ ކުރިއަށް ގެންދިޔުމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިއާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވަކިކުރުމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ އަދަދު އަދިވެސް ހަމަވާތީ، އެކަން ކުރިއަށް ގެންދަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މައްސަލަ ކުރިއަށް ގެންދަން އަފީފް ފެއްޓެވުމާއެކު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އެކަން މަޖިލީހުގެ އިދާރާއަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން، ބާކީ ތިބި މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާއަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.
އެމްޑީޕީން އެދުނު ގޮތަށް ޖަލްސާ މެދުކަނޑާލައްވައި ޖަލްސާ އަލުން ފައްޓަވައި ރިޔާސަތުން އަފީފް ވިދާޅުވީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
އެހެންކަމުން، ނަޝީދާއި އީވާގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ މައްސަލަތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ޖަލްސާ ނިންމަވައިލައްވަމުން އަފީފް ވިދާޅުވިއެވެ.
މި ދެ މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެމްޑީޕީން މިމައްސަލަ އަނބުރާ މިގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހު ބޮޑު ތަނުން ބަލިވެފައިވަނިކޮށެވެ.