ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމު އަލުން ކަނޑައެޅުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ބަރުލަމާނީ ނިޒާމް ގެނެސްފި ނަމަ ކަންކަން މިހާރަށް ވުރެ ބޮޑަށް ގޯސްވެ، ރައްޔިތުންނަށް ލިބޭ ނިކަމެތިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމުހޫރީ ޕާޓީން ތާއިދު ކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ގާސިމް ވިދާޅުވީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމް ގެނެސްގެން ވާނެ ރަނގަޅެއް ނޯނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ނޫން އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން އެއީ، އިންފެކްޓް ނިޒާމީ ވޯޓެއް ނަގައިގެން އެކަމަށް ދާން ވެސް އެއީ ރައްޔިތުންނަށް ފައިދާ ހުރިގޮތެއް ނޫން. ބަރުލަމާނީއެއް ދިވެހި ރާއްޖެ އަށް ގެނެސްފިއްޔާ އަދި މިހާރަށްވުރެ މާ ނުބައިވާނެ. ރައްޔިތުންނަށް މާ ނިކަމެތިވާނެ،" މާމިގިނލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ މިހާރު ސިޔާސީ މަސްރަހުގައި އޭނާ އަކީ މާ ބުރަދަނެއް ހުރި މީހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ މައިދާނުން ރިޓަޔާނުކޮށް އިސްލާހީ މަސައްކަތުގައި އަދިވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ހިނދަށް އަޅުގަނޑަކީ މާ "ރެލެވަންޓް" މީހެއް ކަމަކަށް ވެސް ނުދެކެން. އެއީ އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައީމަ މާ ރެލެވަންޓް މީހެއް ކަމަށް ހެދިގެން، މާބޮޑު މީހަކަށް ވެގެން އުޅޭކަށް ވެސް ބޭނުމެއް ނޫން. މިއީ ހަގީގަތަކީ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ގާސިމަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ މަދުން ވޯޓް ލިބުނު އެއް ކެންޑިޑޭޓެވެ. އޭނާ އަށް ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ.

މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި މުއިއްޒުއާ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.