މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވަގަށް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ތަން ބަދަލުކުރުމަށް މިހާތަނަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމް ހުށަހަޅާފައިވާކަން ހާމަކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އެކަން ހާމަކުރުމާ އެކު އިދިކޮޅު ފަރާތްތަކުން އަންނަނީ މި އަދަދާ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރީ-ރަޖިސްޓްރީ ކުރުމަށް އެދިފައިނުވާ ބައެއް ފަރާތްތަކުން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ރިޔާސީ ކެމްޕޭންގައި މިއަދު ހދ. ކުމުންދޫ އަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށެވެ. އަބްދުއްރަހީމް ތުހުމަތުކުރެއްވި ގޮތުގައި ހުށަހެޅި ފޯމުތަކުގެ ތެރޭގައި އޮޅުވާލައިގެން ވެސް ހުށަހަޅާފައިވާ ފޯމުތައް ހިމެނެ އެވެ.

"ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ ދެ ދުވަހުގެތެރޭގައި މިހާރު މިވަނީ 25 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި. މިއީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ އަދަދެއް ނޫން. އެނގިވަޑައިގަންނަވާނެ ކުރީ ފަހަރު ހަތް ދުވަސް ދިނީމަ ވެސް ވިއްސަކަށް ހާސް މީހުން ވެސް ރަޖިސްޓްރީ ނުކުރެވުނު. ނަމަވެސް ދެ ދުވަހުން 25 ހާސް ފޯމު ހުށައަޅައިފި. މިއީ ގަސްތުގައި އޮޅުވާލައިގެން ނުބައި ނަންނަމުގައި ވައްދައިގެން ހިންގާ ވަރަށް ބޮޑު ވައްކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ގުޅުއްވި ކަމަށާއި އެކަމުގެ ކަންބޮޑުވުން ފުއާދު ވެސް ފާޅުކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10،271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1،546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މި އަދަދާ މެދުގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެމްޑީޕީން ބުނެފައިވަނީ ގިނަ ބަޔަކު ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ހިތްވަރުދީ ރައްޔިތުން ވޯޓުލުމަށް ނުކުތުމަށް މަގުފަހިކޮށްދެން ޖެހޭ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.