"އާބަން އައިލް"ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތިން ބިމެއްގައި ހޮޓެލް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންޓާގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އާބަންކޯއިން ވަނީ އާބަން އައިލްގައި ބުޓިކް ހޮޓެލް ތަރައްގީ ކުރުމަށް ހަތް ބިމެއް ކަނޑައަޅާފަ އެވެ. މީގެތެރެއިން ތިން ބިމެއްގައި ބުޓީކް ހޮޓެލް ތަރައްގީކުރުމަށް އަލުން މިވަނީ ހުޅުވާލާފަ އެވެ.

އާބަންކޯއިން ބުނީ ކޮންމެ ފަރާތަކުންވެސް އެންމެ ގިނަވެގެން ހުށަހެޅޭނީ ދެ ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްކަމަށެވެ. އަދި ކޮންމެ ބިމަކަށްވެސް ވަކިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހަޅަންޖެހޭނެ ކަމަށްވެސް އާބަންކޯއިން ބުނެ އެވެ.

އަދި އެއް ހުށަހެޅުމަށްވުރެ ގިނައިން ހުށަހެޅުންތައް ލިބޭ ބިންތައް ބަޔަކަށް އެވޯޑުކުރުމުގެ މަރުހަލާކުރިއަށްދާނީ ކްލޯސްޑް ބިޑިންގ އުސޫލުން ކަމަށް އާބަންކޯއިން ހާމަކުރެ އެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ އަންނަމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެކަމަށް އެޗްޑީސީން ބުނެ އެވެ.

އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ޓޫރިސްޓުންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެ އެވެ.