ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައިގެ އަޑުއެހުންތައް ތާވަލުނުކުރާތީ ޕީޕީއެމް/ޕީއެންސީގެ ލީޑާރުން ހައިކޯޓަށް ވަޑައިގެން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ތާވަލު ނުކުރާތީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އަޑުއެހުންތައް ލަސްވަނީ, ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި, އެ ކޯޓުގެ ރަސްމީ ދަތުރެއް ތާވަލުކޮށްފައި އޮތުމުން ކަމަށެވެ.

"އެހެންވީމަ ޝަރުއީ ދާއިރާގެ ބޭފުޅުން ވެސް އިސްކަން އެބަ ދެއްވަންޖެހޭ ކަންނޭނގެ ރައްޔިތުންގެ ބަހަށް. ރައްޔިތުންގެ ބަސް އެބަ އަޑުއަހަން ޖެހޭ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން. އިންތިހާބުން ވަރަށް ސާފު ރައްޔިތުންގެ ވިސްނުން ހުރި ގޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ހައިކޯޓުން ވަނީ އިދިކޮޅު ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ހައިކޯޓުން ބުނީ މި މައްސަލަ ބައްލަވާ ފަނޑިޔާރުން ހަމައަށް އެބަތިއްބެވި ކަމަށާއި، އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިމަހުގެ 23 ން 25 އަށް ރަސްމީދަތުރެއްގައި ފުރާ ވަޑައިގަންނަވާކަމަށެވެ. އަދި އެމައްސަލަ ލަސްކުރެއްވުމަށް އެއްވެސް މަސައްކަތެއް ހައިކޯޓުން ނުކުރައްވާ ކަމަށް އެކޯޓުން ހާމަކުރެ އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރީ ފެބުރުއަރީ މަހު އެވެ.

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެ އެވެ.