ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އާއި ޕީއެންސީ އަށް ހުށަހަޅާފައިވާ ޝަރުތަކަށް އެއިން އެއްވެސް ޕާޓީއަކުން އެއްބަސްވެފައި ނުވާތީ، އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ދަ ޑިމޮކްރެޓސް އިން ނިންމައިފި އެވެ.

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައި ވަނީ މި މަހުގެ 28 ގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވާ ނަމަ އެ ޕާޓީއާ އެކު މަޝްވަރާ ކުރުމަށެވެ. ޕީޕީއެމަށް ހުށަހެޅީ، ސަރުކާރުގައި ހިއްސާވާނެ މިންވަރެއް ސާފުކޮށްދީ އަދި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކޮށްދޭނެ މިންވަރެއް ބަޔާންކޮށް، އެކަމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.

ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކައުންސިލްގެ ހަތް ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން އިއްޔެއާ ހަމައަށް ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން އަދި އެމްޑީޕީން އެއްބަސްވެފައި ނުވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އިން އެ ގަރާރު ފާސްކޮށްފައި އޮއްވައި، ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކީގައި ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.