ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އެދިގެން ކެންސަލުކޮށްފި އެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00ގައި ފެށުމަށް ހަމަޖެހިފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކުރުމާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ ހައިކޯޓް އިސްތިއުނާފުގެ އަޑުއެހުން ސުންގަޑިއަށް ވެފައިވަނިކޮށް ޕީޖީ އޮފީހުގެ ވަކީލުން ބިޒީވުމުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ވާ ގިނައަތްތަކެއް ހިމެނޭ ކަމަށް ވެސް ޑރ. ޖަމީލް ތުހުމަތު ކުރައްވާފައިވެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅަފައިވާ އިސްތިއުނާފު މައްސަލައަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ, ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ.

އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އާރަށުގެ އިސްތިއުނާފު މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވި މިމަހު ހަ ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.