ނަން ބޯޑެއް ބަދަލު ކުރިޔަސް، ސިޓީއަކަށް ނުވާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެގޮތަށް ވިދާޅުވި އިރު، އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ތިނަދު އަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ލާމަރުކަޒީ ގާނޫނުން ރައީސަށް ލިބިވަޑަައިގަންނަވާ ބާރުގެ ދަށުން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމަވައިފަ އެވެ. އެ ނިންމެވުމާ އެކު، ރާއްޖޭގައި މިހާރު ފަސް ސިޓީ އެބައޮތެވެ. އެއީ ތިނަދޫގެ އިތުރުން އެއީ މާލެ، ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑު އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަން އިއުލާން ކުރައްވާފައި ވާނެ ކަމަށެވެ. އެއާއެކު، ރައީސް ވަރަށް އަވަހަށް އެކަން ކޮށްދެއްވައިފި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓު މުއިއްޒު މިއަދު ގދ. ތިނަދޫގައި. އޭނާ އަށް އެ ސިޓީން ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: ޕީޕީއެމް

"ސިޓީއަކަށް ނަން ބޯޑު ބަދަލުވިޔަސް، އަދި ސިޓީއަކަށް ނުވާނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަމަލީ ގޮތުން ތަރައްގީގެ ގޮތުން ތިނަދޫ ސިޓީއަކަށް ހަދައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ތިނަދު އަށް ވެވަޑައިގެންނެވި ވައުދުތައް:- ތިނަދޫގައި ނުހެދި ހުރި ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުން.- 1،000 ހައުސިން ޔުނިޓްގެ ހައުސިން މަޝްރޫއެއް ހިންގުން.- ކާޑެއްދޫ އެއާޕޯޓަކީ ފުރިހަމަ އަށް ތަރައްގީ ކުރެވިފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން.- ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުން.- ތިނަދޫ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް.- ސިޓީއެއްގައި ހުންނަން ޖެހޭ ކުޅިވަރު ހުރިހާ ވަސީލަތެއް ގާއިމު ކުރުން.- ސައިކަލް ރޭސިން އަށް ހާއްސަ ސަރަހައްދެއް ގާއިމު ކުރުން.- ވޮކޭޝަނަލް ހިދުމަތް ދޭ ތަނެއް ހަދައި ދިނުން.

މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓު ހެދުނީމަ، އަތޮޅުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން މި ސިޓީ އާއި އަތޮޅަކީ ފަހުވެރިވާ ތަނަކަށް ހަދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމަލާއި ބަހާ ދިމާވާނެ. އަޅުގަނޑު މަސައްކަތް ކުރާނީ އެކަން ކުރަން ކެރޭ ވަރުގެ އެކަން ކުރުމުގެ ގާބިލްކަން އޮތް ޓީމަކާއެކީގައި. އިރާދަކުރެއްވިއްޔާ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުން އެދޭ ފަދަ ގޮތަކަށް ގައުމު ތަރައްގީކޮށް ދޭނަން،" މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވި އެވެ.