'ބިންވެރިޔާ' ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ދައުރު ނިމުމުގެ ކުރިން ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޗާންދަނީ މަގު ވޮއްކޮޅު ކަންމަތީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގިރާވަރުފަޅާއި އުތުރުތިލަފަޅުން ގޯތި ލިބުނު މީހުން ގޯތީގެ ރަޖިސްޓްރީ ލިބޭނެ ދުވަހެއް ނޭނގޭތީ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

އެކަމަށް އޮތް ޖަވާބަކީ އެ މަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމުގެ ޔަގީންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ދައުރު ނޮވެމްބަރު 17ގައި ނިމުމުގެ ކުރިން، ފަހެއް ނޮވެމްބަރު ވާން ވާއިރަށް އަޅުގަނޑުމެން ވައުދުވެފައި އޮތް ގޮތަށް ރަޖިސްޓްރީ ހަދައި، ގޯތީގެ އިންވަކިކޮށް ހަދާފައި ތި ބޭފުޅުންނާ ހަވާލު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭން ގޯތި ލިބުނު ފަރާތްތަކުން ވެސް ހުހަށް ދޫކުރަން ޖެހޭ ޖާގަ ބޮޑުވުމާއި އިމާރާތް ކުރަން ލިބޭ ޖާގަ ކުޑަވުމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަންކަން ދިރާސާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އަލަށް ދޭ ކޮންމެ ގޯއްޗެއް މަދުވެގެން 10 ބުރިއަށް އިމާރާތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު އިއުލާން ކުރާ ކަންތައްތަކަކީ މާކުރިން އެމަނިކުފާނުގެ މެނިފެސްޓޯގައި ލިޔެފައިވާ ކަންކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން އިތުރު 4،000އަށް ވުުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.