ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަރަށް ގިނަ އާއިލާތަކެއް ބަލަހައްޓަމުންދާ ބައެއް ކަމަށެވެ. އެ މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކާއި ސަރުކާރުން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ އެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރިސޯޓް މުވައްޒަފުން އެމަނިިކުފާނާއި ބައްދަލުކޮށް ވިދާޅުވި ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއް ކަމެއްގެ ގޮތުގައި އެ ބޭފުޅުން ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޝަނެއް އުފެއްދުމެވެ. އެއީ މުވައްޒަފުންނާއި ރިސޯޓުގެ ވެރިންނާއި ޓުއާ އޮޕަރޭޓަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭނެ ކޮމިޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ހުށަހެޅުން ގަބޫލްކޮށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާނަން،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް ރިސޯޓް މުވައްޒަފުން ހުށަހެޅުއްވީ ހަފްތާއަކު މިހާރު މަސައްކަތް ކުރާ 48 ގަޑައިރު، 40 ގަޑިއިރަށް މަދުކޮށް، ހަފްތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭ ގޮތަށް ހަދައިދިނުމަށެވެ. ރިސޯޓްގެ ވެރިންނާއި މުވައްޒަފުންނާއިއެކުގައި މަޝްވަރާކޮށް އެ އެދުމަށް އިޖާބަ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބޭ މައްސަލައަށް ހައްލު ގެނައުމަށް އެ މަގާމުތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ރިސޯޓް މުވައްޒަފުން ލަފާ އެރުވި ކަމަށެވެ.