ރާއްޖެއަށް ވަގަށް އެތެރެކުރި 10.99 ކިލޯގެ ރަނުން ދައުލަތަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ސިއްރުން ރަން އެތެރެކުރަން އުޅުނު ގިނަ މީހުން ކަސްޓަމްސްއިން ކުރެއްވި މަސައްކަތުން އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެހުރިހާ މައްސަލަތަކެއްގައި ޖިނާއީ ދައުވާކޮށް ސިއްރުން އެތެރެކޮށްފައިވާ ރަން ދައުލަތަށް ނަގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރި މައްސަލަތަކުގައި އެކިއެކި ގޮތްގޮތައް ސިއްރުކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 10.99 ކިލޯގެ ރަން އަތުލައިގަނެފަ އެވެ.

ދުނިޔޭގެ މާކެޓްގައި ރަނުގެ އަގަށް ބަލާއިރު، ޢާންމު ގޮތެއްގައި އުޅެނީ، ކިލޯއެއް 60،000 ޑޮލަރާއި 70،000 ޑޮލަރާއި ދެމެދުގެ އަގެއްގަ އެވެ.

އެހެންކަމުން މިދިޔަ އަހަރެއްހާ ދުވަހު، ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނަގައިގެން، ދައުލަތަށް ނެގި ރަނުގެ އަގުގެ ގޮތުން، މަދުވެގެން 659،000 ޑޮލަރު ނުވަތަ 10،167،948 ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން 6،000 ރުފިޔާއަށް ވުރެ އަގު ބޮޑު މުދާތައް ރާއްޖެ އެތެރެކުރުމުގެ ކުރިން ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހެ އެވެ. އަދި އެއަށް ވުރެ އަގު ދަށް ވިޔަސް، ހާއްސަ ހުއްދައެއް ބޭނުންވާ ބައެއް ބާވަތުގެ މުދާ ޑިކްލެއާ ކުރަންޖެހެ އެވެ.