ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އަސްލެއްނެތް ދޮގުތައްކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އިދިކޮޅުފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހުގެ ވޯޓަށް ކުޑަތަންވެފައި ވަނިކޮށް، އަސްލެތް ނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވާ ކަމީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިގެން އެންޓި ކެމްޕޭންކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވެ އެވެ. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށްނަގަން މަސައްކަތްކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ބަޔާނުގައިވެ އެވެ.
"ރާވައިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތް މައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެއެވެ. އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސް ކުރަމެވެ." އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައިވެ އެވެ.