މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމަށް ހަމަޖެހިފައިވާއިރު މިއަދު ކެމްޕޭން ނިންމާލުމަށް އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ފޯރިގަދަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މާދަމާ ބާއްވާ ދެވަނަ ބުރުގެ އިންތިހާބުގެ ނަތީޖާ ވެގެންދަނީ، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ދިވެހިބރާއްޖޭގެ ވަލިއްޔުލްއަމްރަކަށް ދިވެހިން އައްޔަންކުރާ ބޭފުޅަކު ކަނޑައަޅާ ބޮޑު ދުވަހަކަށެވެ.

ދެވަނަ ބުރަށް ތައްޔާރުވުމަށް ދެ ޕާޓީން ވެސް ވަނީ ކެމްޕެއިންގެ ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި ފޯރިއާ އެކު ކުރިއަށް ގެންދަވައިފަ އެވެ. ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތައް ބޮޑަށް ކުރިއަށްގެންދެވީ އަތޮޅުތަކުގެ ރަށްތަކުގަ އެވެ. އެގޮތުން ކުދި އާބާދީ ހިމެނޭ ރަށްތަކަށާއި ސިޓީތަކަށް ވަޑައިގެންފައިވެ އެވެ. ނަމަވެސް މާލޭގައި ވެސް ދޮރުން ދޮރަށް ހިންގެވުމާއި، ޖަގަހަ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެން ސިޔާސަތުތައް ހިއްސާކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސޯލިހު ބައިވެރިވަޑައިގެން ކެމްޕެއިން ހަރަކާތްތައް މައިގަނޑުގޮތެއްގައި ކުރިއަށްގެންދެވީ މާލެ ސަރަހައްދުގަ އެވެ. ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި، އަދި ޖަގަހަ ޖަލްސާތަކާއި ކަންމަތީ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އައްޑޫ، ފުވައްމުލައް އަދި ތިނަދޫގައި ކެމްޕެއިން ޖަލްސާތައް ބޭއްވެވި އެވެ.

ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދެވޭނެ އެންމެ ފަހު ވަގުތަކީ މިއަދު އިރުއޮއްސި 6:00 އެވެ.

ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިން ނިންމުމަށް މިއަދު މާލޭގައި ހާއްސަ ހަރަކާތްތައް ކުރިއަށްދާނެ އެވެ. އެގޮތުން ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެން ސަޕޯޓަރުންނަށް އެކު ބާއްވާ "ދިވެހިންގެ ރާއްޖެ ހިނގާލުން" ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައި، ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މިހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ހިނގާލުން "އުފާވެރި އަމާން ރާއްޖެ ރެލީ" ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި ސޯޝަލް ސެންޓަރު ސަރަޙައްދުންނެވެ. ރެލީ ނިންމާނީ އުސްފަސްގަނޑު ސަރހައްދަށެވެ.

ދެ ކެންޑީޑޭޓުންގެ ކެމްޕެއިން ނިންމުމުގެ ހަރަކާތްތައް އަތޮޅުތަކުގެ ރަށް ތަކުގައި ވެސް މިއަދު ހަވީރު ކުރިއަށްދާނެ އެވެ. މިއީ ކެންޑިޑޭޓުންގެ ކެމްޕެއިންގެ އެންމެ ފަހުގެ ހަރަކާތްތަކެވެ.

މިއަދު ހަވީރު 6:00 އިން އާދިއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޕާޓީތަކުން ކެމްޕެއިންއާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިނގުން މަނާވާނެ އެވެ.