ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މިއަދު ކާމިޔާބުކުރެއްވި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަނެ، ކާމިޔާބު ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެކްސް (ޓްވިޓާ) ގައި ރައީސް މިރޭ ވަނީ އިންތިޚާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވައިފަ އެޗެ. އަދި އެކުގައި މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި ރައީސަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރު ދަންނަވައިފަ އެވެ.

ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ގެންދަވަނީ މުއިއްޒަށް މަރުހަބާ ދަންނަވަމުންނެވެ.

އިންތިޚާބުގެ ދެވަނަ ބުރު މުއިއްޒު ކާމިޔާބު ކުރެއްވީ 126،252 ވޯޓު ނުވަތަ 53.8 ޕަސެންޓުންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 108،432 ވޯޓު ނުވަތަ 46.2 ޕަސެންޓެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ފުރަތަމަ ބުރުގައި މުއިއްޒު ވަނީ 101،635 ވޯޓު 46.06 ޕަސެންޓް ހޯއްދަވައިފަ އެވެ. އެ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓު ނުވަތަ 39.05 ޕަސެންޓެވެ.