ރާއްޖެ އަށް އިދިކޮޅު ޕާޓީއެއް މުހިންމު ކަމަށާއި ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަކީ ވަރުގަދަ އިދިކޮޅު ޕާޓީއަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން ކުރަން އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަަމަށެވެ. އެގޮތުން، އެމްޑީޕީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޕާޓީއެއްގެ ގޮތުގައި ބައްޓަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ މިސްރާބަކަށް ދެން ވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިވަގުތު މުހިންމީ ޕާޓީގެ މަގާމަކަށް ވުރެ ބޮޑަށް އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފައްކާ ކުރުން ކަމަށް ވިދާޅުވިއެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވޭވަރުގެ ޕާޓީއެއް އޮންނަން ޖެހޭ. އެމްޑީޕީއަށް އެކަން ކުރެވޭނެ. އެހެންވީމަ އަޅުގަނޑު ހުންނަ މަގާމެއް ނޫން މުހިއްމުވަނީ. ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހުންނާނީ އެމްޑީޕީއާ އެކު. އެމްޑީޕީގެ ލީޑަޝިޕާއެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއާ އެކު ފައްކާކުރަން. އެމްޑީޕީ ބަލިވެ ހަލާކުވެގެންދާތަން ބަލާކަށް ނުހުންނާން،"
ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ކުރެއްވި ކޮންމެ ކަމެއްކޮށް ކުރައްވާފައިވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށް ގޯސް ގޮތަކަށް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ޖަވާބުދާރީ ވެވަޑައިނުގެންނެވޭ ކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންނަކީ މުއިއްޒާއި ރައީސް ސޯލިހެވެ. އެ ބުރުގައި މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވައިފައެވެ. ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ދެމެދުގައި ވަނީ ދެވަނަ ބުރެއް ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓް ހޯއްދަވައިފަ އެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.