ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވުނުކަމާއި، ހެޔޮވެރިކަމެއް ކުރެވިއްޖެކަމުގެ އިޙްސާސް ކުރެއްވޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ތެރޭގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާ އެކު ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ކޮވިޑާއި، އެނޫންވެސް ގޮންޖެހުންތައް ފާހަގަ ކުރަމުން ރައީސް ވިދާޅުވީ ތަފާތު ހިޔާލުތަކާ އެކު ކޯލިޝަނެއްގެ ތެރެއިން އެންމެން ގޮވައިގެން ޤައުމަށް ގެނެވުނު ހެޔޮ ބަދަލުތަކާ މެދު އުފާ ކުރައްވާ ކަމަށެވެ.

"ފަސް އަހަރު ދަތިތަކާއި އުނދަގޫތަކާ އެކު ރައޔްިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ވައުދުތައް ފުއްދަން ކަމަށެވެ. އަދި ވައުދު ފުއްދަން ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ދިމާވި ކޮވިޑް-19ގެ ހާލަތާ ކުރިމަތިލުމަށް ފަހު ވެސް އެތައް ކުރިއެރުންތަކެއް ގެނެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމާއި، ރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންޖެހިފައި ތިބި އަސާސީ ހައްގުތައް ހޯދައިދިނުމާއި، ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތައް އެއީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު ކާމިޔާބީތައް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ؛ ރައީސް އޮފީސް

"އަޅުގަނޑުގެ އަމާޒަކަށްވީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން. އަޅުގަނޑުގެ ހަމައެކަނި އަމާޒަކަށްވީ ހަމައެކަނި އިންތިހާބެއް ކާމިޔާބުކުރުމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ އެމަނިކުފާނުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުވައިދެއްވި އެންމެނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން ރައީސް އޮފީހުގެ މުވައްޒިފުންނާއި ވަޒީރުން އަދި މަޖިލީހުގެ ތެރެއިން ފޯރުވައިދެއްވި އެހީތެރިކަމަށާއި ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މީޑިއާތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި މަސައްކަތްތަކުގައި ދިން އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.