އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ބައްދަލު ކުރައްވައިފި އެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ މ. ދިމްޔާތުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.

ޗައިނާ ސަފީރާ ބައްދަލުކުރެއްވުމުގެ ކުރިން އިންތިހާބީ ރައީސް ޑރ. މުއިއްޒު މިއަދު ހެނދުނު ވަނީ އިނގިރޭސި ސަފީރާ ވެސް ބައްދަލުކުރައްވާފަ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މި ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކުރީން އޮތް ވަރުގަދަ ކުޅުން ހަރުދަނާ ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޗައިނާ ސަފީރާއެކު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޗައިނާގެ ސަފީރާ މުއިއްޒު މިއަދު ބައްދަލުކުރެއްވިއިރު، އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސުރުޚީގައި މުއިއްޒު ސިފަ ކުރައްވާފައި ވަނީ "ޕްރޯ ޗައިނާ" ނުވަތަ ޗައިނާގެ ބާރު ހިނގާ ބޭފުޅެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް މިވާހަކަތަކަށް އިންތިހާބީ ރައީސް މުއިއްޒު ވަނީ ރައްދު ދެއްވާފަ އެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މުއިއްޒު ވެވަޑައިގަންނަވާނީ ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ އަށެވެ.