ގޭމިން އެޕެއްގެ މައްސަލާގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު މާދަމާ އެންފޯސްމަންޓް ޑައިރެކްޓްރޭޓް (އީޑީ)އަށް ހާޒިރުވާން އަންގައިފި އެވެ.
ރަންބީރު މާދަމާ އީޑީ އަށް ހާޒިރުކުރަނީ މަހާދޭވް އެޕް މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ.
އީޑީއިން ބުނާ ގޮތުގައި މަހާދޭވް އޮންލައިން ބުކް އެޕް ޕްރޮމޯޝަންތަކުން ރަންބީރު ފެނިފައިވާއިރު އޭނާ އަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ލިބިގެން ގޮސްފައިވާ ކަމަށެވެ.
މިމައްސަލާގައި ގިނަ އަދަދެއްގެ ބޮލީވުޑް އެކްޓަރުންނާއި ލަވަ ކިޔުންތެރިން ހިމެނޭ ކަމަށްވެސް އީޑީއިން މައުލޫމާތުދެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ 100 ވަރަކަށް އިންފްލެއެންސަރުންވެސް މިމައްސަލާގައި ސާމިލުވާ ކަމަށް އީޑީއިން މައުލޫމާތުދެ އެވެ.
މި ސްކޭނަރުގައި ސާމިލުވާ ހުރިހާ ފަރާތްތަކެއް ހާޒިރުކުރާނެ ކަމަށާއި އެމީހުންނަށް މިހާރު ޗިޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އީޑީއިން ހާމަކުރެ އެވެ.
އީޑީއިން ބުނީ މަހާދޭވް އެޕް އަކީ ގަވާއިދާ ހިލާފަށް ބެޓިން ވެބްސައިޓްތަކަށް އޮންލައިން ޕްލެޓްފޯމްތައް ހަމަޖައްސައިގެން އާ ޔޫޒަރުން ނަންނޯޓްކޮށް، ޔޫޒަރ އައިޑީ އުފެއްދުމާއި، ބެނާމީ ބޭންކް އެކައުންޓްތަކުގެ ލޭޔަރޑް ވެބް މެދުވެރިކޮށް މަނީލޯޑަރިން ކުރަމުން އަންނަ ކަމަށެވެ.
އީޑީގެ އޮފިޝަލަކު ވިދާޅުވީ ޕްރޮމޯޓަރުން މިފަދަ 4-5 އެޕް ހިންގާފައިވާ ކަމަށާއި އެ އެޕްތަކުން ކޮންމެ ދުވަހަކު 200 ކްރޯޑް ރުޕީސްގެ ފައިދާ ހޯދަމުން އަންނަ ކަމަށެވެ އަދި މުމްބާއީ ފަދަ ތަންތަނުން ދައުވާ އުފުލާ ހެކިތައް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި ބޭއްވި ގޭމިން އެޕް ޕްރޮމޯޓް ކުރާ ސައުރަބް ޗަންދުރަކަރްގެ ކައިވެނީގެ އަދި ކާމިޔާބީގެ ޕާޓީގައި މި ތަރިން ވަނީ ބައިވެރިވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އަމިއްލަ ކައިވެންޏަށް 200 ކްރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ. އަދި އެކަމަށް އޭނާ ވަނީ އިވެންޓް މެނޭޖްމަންޓް ކުންފުންޏެއްވެސް ކުއްޔަށް ނަގާ، ޕްރައިވެޓް ޖެޓުތަކުގައި ތަރިން ގެނެސް އެ ހަފްލާގައި ޕާފޯމް ކޮށްފައެވެ. އަދި ޗަންދުރަކަރް ވަނީ ނަގުދު ފައިސާއިން މި މީހުންނަށް ފައިސާ ދައްކާފަ އެވެ.
އަދި ތަހުގީގީ އިދާރާއިން ވަނީ ޗަންދުރަކަރްގެ 417 ކްރޯޑް ރުޕީސްގެ މުދާ ފްރީޒްކޮށްފައެވެ. އަދި ވަރަށް އަވަހަށް އެހެން ތަރިންގެ ބަޔާންތައްވެސް ނަގާނެ އެވެ.
އީޑީ އަކީ އިންޑިއާގައި ހިންގާ ކޮރަޕްޝަނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ބަލާ އެޖެންސީއެކެވެ.