ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން އެދިގެން ކެންސަލުކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު 02:00 އަށެވެ. އެހެންނަމަވެސް ޕީޖީގެ އެދުމަކަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ހައި ކޯޓުން މައުލޫމާތު ދީފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޝަރީއަތް ވެސް ކެންސަލުކުރީ މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ޕީޖީގެ ބައެއް ވަކީލުންނަށް ހާޒިރުވެ ވަޑައިނުގަންނަވާތީ އެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ މައްސަލަ އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައި ކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ މައްސަލައިގެ އަޑުއެހުމެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފަނޑިޔާރުންގެ ސުވާލުތަކުގެ މަރުހަލާ އެވެ.
ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޔާމިން މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.