ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް 10 އަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފި އެވެ.

މިހާރު ކުރިއަށްދާ އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ފަށާނެ އެވެ.

އިންތިޚާބުގެ ތާރީހު އިއުލާންކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީީސް ވިދާޅުވީ މޭމަހުގެ ނުވަވަނަ ދުވަހަށް ވުރެ އިންތިހާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށްނެތް ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ގާނޫނުން ކޮމިޝަނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަން މަޖިލީހަށް ހުށަހެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބުގެ ތާރީހު އިއުލާންކުރުމުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ކެމްޕެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މި އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ އެންމެ ފަހު ތާރީހަކީ ކޮބައިކަން އަންނަ ހޮނިހިރު ދުވަހު އާއްމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބު ގުޅޭ ގޮތުން ވިސްނުމަށް ޕާޓީތަކުގައި އެދުނީ މައިގަނޑު މުހިއްމު ސަބަބުތަކާ ހެދިކަން ފާހަގަ ކުރައްވާފަ އެވެ. މި ގޮތުން މި ޕެންޑަމިކް ތެރޭގައި އިންތިޚާބު ބާއްވާނަމަ އެއްވެސް އެއްޗެއް ނުގަނެ ހަމައެކަނި ސްޓާފުން ހޯދުމުން ކުރަންޖެހޭ ހަރަދުތަކަށް 44 މިލިއަން އެބަ ހަރަދުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެމްޕެއިންކުރުމަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދޭތޯ ކޮމިޝަނުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ކުރަންނުޖެހޭ ކަންކަން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި އެ ކޮމިޝަންގެ މައްޗަށް ލާޒިމުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ބުނި ނަމަވެސް އެކަން ގާނޫނު ނުދަނޭ. ކޮމިޝަންގެ ޒިންމާއަކީ އެންމެންނަށް ވެސް ވޯޓްލެވޭ ފުރުސަތު ހޯދާދައިނުން،" ހަބީބު ވިދާޅުވި އެވެ. "އެހެންނަމަވެސް އެޗްޕީއޭގެ ގައިޑްލައިނުން ގިނަ ކަންކަން ފަސޭހަކޮށްދެއްވާފައިވޭ."

ކޮމިޝަންގެ މެމްބަރުން ފުއާދު ތައުފީގު ވިދާޅުވީ މި ފަހަރުގެ އިންތިޚާބަކީ މިހާތަނަށް ކުރަން ނުޖެހޭ ބޮޑު ހަރަދެއްކޮށްގެން އުނދަގޫތަކާއެކު ބާއްވާ އިންތިހާބެއް ކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް ފުރަތަމަ 71 މިލިއަން ރުފިޔާ ދޭން އެދުނު ނަމަވެސް ލިބުނީ 51 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އިންތިޚާބު މިހާރު ބާއްވަންޖެހޭ ގޮތުން ގިނަ ހަރަދުތަކެއް އިތުރަށް ކޮށް، ކުރިން ރޭވިފައިވާ ގޮތަށްވުރެ ބޮޑަށް ދަތުރުފަތުރުކުރަން ޖެހުމާއި އިންތިޚާބަށް ބެކަޕް ފޯސެއް އެކުލަވާލަން ޖެހުމުން ހިނގާ ހަރަދުތައް އިތުރުވެ، އިންތިޚާބު ބާއްވަން އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

އީސީން ކުރިން ތާވަލްކޮށްފައި އޮތީ މާޗް ހައެއްގައި އިންތިޚާބު ބާއްވާށެވެ. އެކަމަކު އިންތިޚާބު ލަސްކުރަން ފާސްކުރި ގާނޫނުގައި، އިންތިޚާބުގެ ތައްޔާރީތައް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ލިއެފައި އޮތުމުން އެ މުއްދަތުގައި ނުބޭއްވުނީ އެވެ. މަޖިލީހުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.