ވ. އަތޮޅާއި ބ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރުމަންޓް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި 12 ސަރަހައްދަކީ ވ. ކަވަރުފަޅު ސަރަހައްދާއި، ވ. ފޮއްތެޔޮ ސަރަހައްދާއި، ވ. ހިނގާކުޅީ ފިނޮޅު ސަރަހައްދާއި، ވ. ތުޑުހުރާއާއި، ވ. ރުއްހުރި ހުރާއާއި، ވ. ރަކީދޫ ކޯނާ އާއި، ވ. ފުށިފަރު ފަރުގެ ސަރަހައްދާއި، ވ. ހުރާ ފަޅާއި، ބ. ހުރާފަރު ސަރަހައްދާއި، ބ. ދަރަވަންދޫ ތިލަ ސަރަހައްދާއި، ބ. ނެލިވަރު ސަރަހައްދާއި، ބ. އިންނަފުށި ސަރަހައްދެވެ.

މިއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެކެވެ. މި ސަރަހައްދުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކުރެވިފައިވެ އެވެ.

މި ތަންތަން ހިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ހިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު ގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފިނޮޅާއި، އެއް ފަރާއި، އެއް ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.