އެކުވެރި އަރަބި އިމާރާތުގެ ދުބާއީއާއި އިންޑިއާގެ ވިޔަފާރި ވެރިރަށް މުމްބާއީއާ ދެމެދު ދަތުރުކުރާ ކަނޑުއަޑީގެ ބުލެޓް ރޭލެއް އެޅުމުގެ މަސައްކަތް ދުބާއީއިން ފަށައިފި އެވެ.

ދުބާއީގެ ނެޝަނަލް އެޑްވައިޒާ ބިއުރޯ ލިމިޓަޑްއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި މިހާރު ކުރިއަށްދަނީ މި ސަބްވޭ އެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ސަބްވޭއަކީ 1200 މޭލު ދިގު ސަބްވޭ އެކެވެ. ސަބްވޭ ޑިޒައިން ކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އާލަތްތައް ބޭނުން ކުރެވޭނެ ކަމަށް ބުނެވެ އެވެ.

ދުބާއީއަކީ އާދަޔާ ޚިލާފު އުމްރާނީ ތަރައްގީއަށްޓަކައި މަޝްހޫރު ސަރަހައްދެކެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ "ބުރުޖް ޚަލީފާ"ގެ އިތުރުން ވެސް ގިނަ ޒަމާނީ އިމާރާތްތަކެެއް ދުބާއީގައި ހުރެ އެވެ.

އިންޑިއާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަކީ ވަރުގަދަ ވިޔަފާރީގެ ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ސަބްވޭއާއެކު އެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.