އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އަށް ސަމާލުކަމެއް ނެތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބެއްގައި އަދުރޭ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެއްވެސް ސަމާލު ކަމެއް ނުދެއްވާ ކަމަށާއި މިވަގުތު މުހިންމީ އާ ސަރުކާރާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ މާބޮޑު ސަމާލުކަމެއް ނެތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކަށް." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އަމަލުކުރާނޭ ގޮތެއް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމަވާނެ ކަމަށެވެ. އަދި އެކަމާ ނުވިސްނާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަޝީދު ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލާގެ ނޯޓިސް މިއަދު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ފޮނުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ފޮނުވަން ޖެހެ އެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރަން 48 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.

ގަރާރު ބަލައިގަނެ، ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.

އެއީ، ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު އެ މަނިކުފާނު އުފައްދަވާފައިވާ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

މީގެ ކުރިން ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮއްވައި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެމްޑީޕީން ވަނީ އެ ގަރާރު އަނބުރާ ގެނެސްފަ އެވެ. ގަރާރު އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނަޝީދުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

އޭގެ ކުރިން، މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި ނަޝީދަށް ވާހަކަ ދެއްކެވުމުގެ ވަގުތު ކަނޑައަޅަން ޖެހޭނެއެވެ. މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. އެ އަދަދަށް ވުރެ އިތުރަށް އެމްޑީޕީގައި މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 56 އެވެ.

ނަޝީދު ވަކިކުރަން އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކަންކަމަށް ހުރަސް އެޅުމުގެ އިތުރުން މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް ފޮރުވަން ކަމަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.