ބ. ފުޅަދޫ ކައުންސިލްގެ ރައީސް ޢަލީ އަޒުހަރު އެމްޑީޕީ ދޫކުރައްވައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ ) އާ މިއަދު ގުޅިވަޑައިގެންފި އެވެ.

އަޒުހަރު ޕީއެންސީ އަށް ސޮއިކުރައްވައި މެމްބާޝިޕް ފޯމު ހަވާލު ކުރެއްވީ ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެވެ.

ސޮއިކުރެއްވުމަށް ފަހު އަޒުހަރު ވިދާޅުވީ، ޕީއެންސީ އަށް ސޮއިކުރެއްވީ ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ސަރުކާރުގައި އެ ދާއިރާ އާއި ރަށަށް އިތުރު ކުރިއެރުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒުހަރު މި މޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ހިނގަމުންމިދާ ސަރުކާރުގައި ކައުންސިލްތައް ހިންގަން ދަތިތައް ކުރިމަތިކުރުވި ކަމަށެވެ. އަދި ދެން ފެނިގެންދާނީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާނެ ސަރުކާރެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ފުޅަދޫ ކައުންސިލުގައި ޖުމްލަ ފަސް މެންބަރުން ތިއްބަވާއިރު އަޒުހަރު ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުންކީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.