ގާޒާއަށް މެދުނުކެނޑި އަޅަމުންގެންދާ ބޮން އެޅުން މެދުކަނޑައިލައިފި ނަމަ ހިފަހައްޓާފައިވާ އާންމުން ދޫކޮށްލާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމާސްގެ އިސް ބޭފުޅެއް ކަމުގައިވާ ޚާލިދު މިޝާލް، 7 އޮކްޓޯބަރުގެ ހަމަލައަށްފަހު ހުޅަނގުގެ ނޫހަކަށް ފުރަތަމަ ދެއްވި އިންޓަވިއުއެއްގައި ސްކައި ޓީވީގެ ރިޕޯޓަރަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިޒްރޭލުން މެދުނުކެނޑި އަޅަމުންގެންދާ ބޮން އެޅުމަށް ލުޔެއް ދީފިނަމަ ރަހީނުކޮށްފައިވާ އާންމުން ދޫކޮށް ލެވިދާނެ ކަމަށެވެ.

"އެންމެ ފުރަތަމަ އަނިޔާވެރިކަމާ އެކު ބޮން އެޅުން ހުއްޓާލާ. އޭރުން ފެންނާނެ ގަތަރާ މިސްރު ފަދަ އަރަބި ގައުމުތަކުން މެދުވެރިންގެ ރޯލު ކުޅެ ހިފަހައްޓާފައިވާ މީހުން މިނިވަންކުރާ ތަން،" ބޮން އެޅުން ހުއްޓާލައިފި ނަމަ ހިފައިފައިވާ މީހުން އެއްވެސް ޝަރުތެއް ނެތި ދޫކޮށްލާނެތޯ ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި މިޝާލް ވިދާޅުވި އެވެ.

މިޝާލް ވިދާޅުވިގޮތުގައި މެދު ކެނޑުމެއްނެތި އިޒްރޭލުން ބޮން އަޅައި ގެދޮރު ސުންނާފަތިކުރަމުން ދާއިރު ހަމާސްގެ ގައްސާމް ބްރިގޭޑަށް ހޮސްޓެޖުން ތިބި ތަނުން ނެރެގެން ރެޑް ކްރޮސް ނުވަތަ އެނޫން ވެސް ޖަމާއަތަކާ ހަވާލުކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ.

މިޝާލް އިތުރަށް ވިދާޅުވި ގޮތުގައި އިޒްރޭލްގެ ބޮމުގެ ސަބަބުން 22 ހޮސްޓެޖުން މިހާރު ވެސް ވަނީ މަރުވެފަ އެވެ. އެއީ ކޮން ގައުމެއްގެ ބައެއްކަން ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވި ނަމަވެސް އޭނާ ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުންނަކީ އިޒްރޭލުގެ ރައްޔިތުން ކަމަށެވެ.

ރަހީނުން ދޫކޮށްލާނެ ގޮތާ ބެހޭގޮތުން ހަމާސްއިން ވާހަކަ ދައްކައިފައި ވާއިރު، އެ ޖަމާއަތުން މިހާރު ވަނީ އިތުރު ދެ ރަހީނުން އިއްޔެ މިނިވަންކޮށްފަ އެވެ.