އޭސީސީން ހޯދުމަށް އަންގާފައިވާ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ 2018 ކުރިން ހިނގާފައިވާ މުއާމަލާތްތަކުގެ ފައިސާ ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފި އެވެ.

ފެނަކައިން މިފަދައިން ބުނެފައިވަނީ އެކުންފުނީގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

އޭސީސީން އިއްޔެ ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް ތަހުޤީޤުކުރަމުންދާއިރު، 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ފެނަކައަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފެނަކަ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބަލަމުންދާ މައްސަލަތަކުގެ އަދަދުކަމަށް ބަޔާންކޮށް އޭސީސީން ހާމަކޮށްފައިވާ ތަފާސްހިސާބަކީ، 2012 ވަނަ އަހަރު އެކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި މައްސަލަތަކުގެ އަދަދު ކަމަށެވެ.

އެގޮތުން ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގާފައިވާ 20 މިލިއަންއަކީ 2011 ވަނަ އަހަރުން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ ހަތަރު މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަށް ވެސް ފެނަކައިން ހާމަކުރެ އެވެ.

އޭސީސީން އަނބުރާ ހޯދަން އަންގާފައިވާ ފައިސާގެ ތަފްޞީލު:

  1. ސަދަން ޔުޓިލިޓީޒް ލިމިޓެޑުގެ ކުރީގެ ފިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބެޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240000 ރުފިޔާ
  2. 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުޢާމަލާތްތަކަކާ ގުޅިގެން، ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ފަރާތްތަށް ފައިސާ ދައްކާފައިވާތީ އެކުންފުންޏަށް ލިބުނު ގެއްލުމަށްވާ 1017170.44 ރުފިޔާ
  3. 2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާއެކު ކުރެވުނު މުޢާމަލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17857979.10 ރުފިޔާ
  4. 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއަ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުޢާމަލާތްތުގައި ކުންފުންޏަށް ގެއްލިފައިވާ 1389342 ރުފިޔާ

އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތަފްސީލުތައް ފެނަކައިން ހާމަކޮށްފައިވާއިރު، އޭސީސީއިން ވަނީ ފެނަކައާގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހު ކުރުމަށް ވެސް އަންގާފަ އެވެ.

އޭގެ ތެރޭގައި އެ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހު ކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް ހަ ކަމެއް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ރިސްކް ހުރި މިންވަރާއި، އެ ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ.