އިޒްރޭލުން އިއުލާންކޮށްފައިވާ ގޮތުގައި އެ ގައުމުން ފަށައިގެން އުޅެނީ ދިގު ހަނގުރާމައެކެވެ. އެ ހަނގުރާމައިގައި އިޒުރޭލަށް އެއްވެސް ހިފެހެއްޓުމެއް ނެތި ތާއީދު ކުރަން ހުޅަނގުގެ ގައުމުތަކުން ވަނީ އެކަތިގަނޑަކަށްވެފަ އެވެ. ދިގު ހަނގުރާމައަކަށް އިޒުރޭލު ތައްޔާރުވެފައިވާއިރު ދުނިޔެއަށް އިވޭ ގޮތަށް އެންމެ ބާރަށް ބުނާ އަޑު އިވެނީ ހަނގުރާމައިގެ ބޭނުމަކީ ހަމާސްގެ ވަސް ވެސް ދުނިޔެ އިން ފޮހެލުން ކަމުގަ އެވެ.

އިޒްރޭލުން ގާޒާގެ އާންމުންނަށް ބޮން އަޅަން ފެށުމަށް ފަހު އިޒުރޭލުގެ ފޮރިން މިނިސްޓަރު ނޫސް ވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ ގާޒާގެ އާންމު ރައްޔިތުން ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ނަމަ ވީހާ ވެސް އަވަހަކަށް ގާޒާ އިން ބޭރުވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. ނުކުންނާނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދެވެން އޮތް ގޮތަކަށް ގޮސް މިސްރުގެ ބޯޑަރު ހުރަސް ކުރުމަށެވެ. އޭރު އިޒުރޭލު ސިފައިން ވަނީ ގާޒާ އިން މިސްރަށް ވަދެވޭ ދޮރާށި ވެސް ބަންދު ކޮށްފަ އެވެ.

އިޒުރޭލުން ގާޒާގެ ރައްޔިތުން ވަށައިގެން ބަންދުކޮށްފައި ބޮން އަޅަމުން ގެންދާ އިރު އެމީހުންގެ ހަގީގީ ބޭނުމަކީ ފުރާނަ ސަލާމަތް ކުރުމުގެ ބޭނުމުގައި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިސްރަށް ފޮނުވާލުމެވެ. އެހެން ނަމަވެސް މިސްރުން ވެސް ފަލަސްތީނުގެ ރައްޔިތުން އެ ގައުމަށް އެތެރެ ވުމާ ދެކޮޅެވެ. ސަބަބަކީ އިޒުރޭލުން ރާވައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދެވަނަ ފަހަރަށް 'ނަކުބާ" އެއް ގެނައުމަށް ފުރުސަތު ނުދިނުމެވެ.

މިސްރެކޭ އެއްފަދައިން ކައިރި އެހެން އަރަބި ގައުމުތަކުން ވެސް ފަލަސްތީނުގެ ރައްޔިތުން އެތެރެ ކުރުމަށް ދެކޮޅު ހަދާ އިރު ޚުދު ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ވެސް އެގޮތަށް ވަޒަން ދޫކޮށްފައި ދާކަށް ބޭނުމެއް ނުވެ އެވެ.

ގާޒާގައި ދިރިއުޅޭ ދެމިލިއަނެއްހާ ފަލަސްތީނީން މީހުން، އެ މީހުންގެ ރަށް ދޫކޮށްފައި ދާން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އިޒުރޭލުގެ ބޭނުން އެމީހުނަށް އެނގޭތީ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެއަށް އިސްލާމީ ޚިލާފަތު ވައްދައި އެޚިލާފަތު ބަލިކޮށް އަރަބި ބިންތައް އިނގިރޭސިންނާއި ފްރާންސުން ހިފުމަށް ފަހު ޔޫރަޕްގެ ޔަހޫދީން ފަލަސްތީނުގެ ބިމަށް ގެންނަން ފެށި މަސައްކަތް ކުރިޔަށްދާ ގޮތް ވެސް އެ މީހުނަށް އެނގޭތީ އެވެ. ނަވާރަ ސަތޭކަ ފަންސާސް އަށް ވަނަ އަހަރު ފަލަސްތީނުގެ ގާތްގަނޑަކަށް 500 އަވަށަށް ވެރިވެގަނެގެން އެ އަވަށްތަކުގައި ތިބި ހުރިހާ މުސްލިމް ފަލަސްތީނީން ބޭރު ކޮށްލި ގޮތުގެ ހަނދާންތައް އެމީހުންގެ އަދިވެސް ހުރީތީ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ރެފިއުޖީއަކަށް އެއްފަހަރު ވެސް ވެއްޖެނަމަ މުޅި އުމުރު ވެސް ހޭދަ ކުރަން ޖެހޭނީ އެގޮތުގައިކަން ވެސް އނގޭތީ އެވެ. އެހެންކަމުން ގާޒާގައި ތިބި ގިނަ ބަޔަކު ބުނަމުން ގެންދަނީ އެމީހުން މަރުވެގެން ދާނީ އެ މީހުންގެ ގެދޮރުގައި އެމީހުންގެ ބިމުގައި ކަމުގަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު ފަލަސްތީންގެ ދައުލަތް އުފެއްދުމަށް އިނގިރޭސިންނާ ހަވާލުވެފައި އޮތް ބިމުގައި އަރަބިންނާއި ޔަހޫދީންނަށް ދެ ދައުލަތް ހެދުމަށް އދ. މެދުވެރިކޮށް ނިންމައި، އިޒުރޭލު އުފެއްދީ 1947 ވަނަ އަހަރު އެވެ. އޭރު ފަލަސްތީނުގެ ނަމުގައި ދައުލަތެއް ގާއިމުކުރަން ބޭއްވި ބިމުގެ ބޮޑު ބައެއް ޔަހޫދީ އިޒްރޭލުން ވަނީ އޭގެ ދެ އަހަރު ފަހުން ފޭރި އެ ބިންތަކުގައި ތިބި މުސްލިމުން ބޭރު ކުރުމަށް ފަހު ޔަހޫދީންނަށް ގެދޮރު އަޅައި އާބާދު ކޮށްފަ އެވެ. އދ. ގެ ގަރާރުތަކުން އެކަން ކުށްވެރި ކުރުން ފިޔަވައި އިޒުރޭލުގެ އަމަލުތަކާ ދެކޮޅަށް ދުނިޔެ ވަނީ ލޯމަރާލައިގެންނެވެ. އެ ލޯމަރާލުމުގެ ތެރޭގައި ވަނިކޮށް އިޒުރޭލުން މިވަނީ މީގެ 80 ވަރަކަށް އަހަރު ކުރިން އެމީހުން ފެށި ފަލަސްތީނުގެ ބިން އެއްކޮށް ހިފުމުގެ މަސައްކަތް ނިންމުމުގެ ހަނގުރާމަ ފަށައިފަ އެވެ.

ފަލަސްތީނުން މުސްލިމުން އެއްކޮށް ހުސްކޮށް މުޅި އެބިމަށް ޔަހޫދީ ދައުލަތް ބޮޑުކުރުމަކީ ދުރާލާ ރޭވިގެން ކުރެވެމުން އަންނަ ދިގު ދެމިގެންވާ ހަރަކާތެކެވެ. އެކަމަށްޓަކައި ފަލަސްތީނުގެ ވަށައިގެން ތިބި އިސްލާމީ ބާރުގަދަ ގައުމުތައް މިހާރު ވަނީ އެކި ފަހަރު މަތީން ހުޅަނގުގެ ގައުމުތަކުގެ ޝިކާރައަކަށްވެ ނިކަމެތިވެފަ އެވެ.

އިޒުރޭލު އުފެދުމާ އެކު އެ ގައުމުން ހިންގަމުން ގެންދިޔަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ތެދުވި ގައުމުތައް ކަމުގައިވާ މިސްރާއި ޖޯޑަން އަށް އެ މީހުނަށް އިޒުރޭލާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާކަން ވަނީ ވިސްނިފަ އެވެ. އޭގެ ފަހުން އިޒުރޭލަށް އިންޒާރު ދެމުން ގެންދިޔަ އަރަބި ބާރު ގަދަ ގައުމުކަމުގައިވާ ސައްދާމު ހުސޭންގެ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދުނިޔޭގެ ބާރުގަދަ ހުރިހާ ގައުމެއް އެކުވެ އެމެރިކާ އާއި އިނގިރޭސިން އިސްވެ ބޮން އަޅައި އެ ގައުމު ވަނީ ފަނާ ކޮށްލައިފަ އެވެ. އިރާގަށް ފަހު އެފަދަ ހިތްވަރެއް ހުރި ކަމަށް ފެންނަން އޮތް ލީބިޔާ ވެސް ހުޅަނގުން އަރައި އެވަނީ ސުނަނާފަތި ކޮށްލައިފަ އެވެ. ސީރިޔާ އަށް ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ އެހާލު ޖައްސައިފަ އެވެ. ފަލަސްތީނުގެ ހައްގުގައި ބަސްބުނާ ކިރިޔާ ވެސް ބާރެއް ހުރި އިސްލާމީ ގައުމަކީ އީރާނު ކަމުގައިވާތީ އެމެރިކާ އާއި ޔޫރަޕުން ވަނީ އީރާން ބަނޑަށް ޖައްސައި ބަލި ކުރުމަށް ބޭނުންވާ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

އިޒުރޭލުން ފަލަސްތީނުގެ ބިން އެއްކޮށް ހިފައި އެ ބިމުގައި ތިބި މީހުން ބޭރު ކޮށްލުމަށް ހިންގާ ހަރަކާތްތައް ފަށާފައި މިވަނީ އެމީހުނާ ދެކޮޅަށް ތެދުވެވޭނެ އެއްވެސް ބަޔަކު އެ ސަރަހައްދުގައި ނެތްކަން ޔަގީން ވާވަރަށް އެންމެން ބަލިކުރުމަށް ފަހުގައި އެވެ. އެފަދަ ހާލަތަކަށް ސަރަހައްދު ގެންދިއުމަށް ފަހު އިޒުރޭލުން ފަށާފައިވާ ފަލަސްތީނުގެ ބިން ހުސްކޮށް ނަސްލު ނެއްތާލުމުގެ ހަނގުރާމައިގެ މަގުސަދު އެމީހުން މިހާރު ކޮންމެހެން ފޮރުވާކަށް ވެސް ނޫޅެ އެވެ.

އިޒުރޭލުގެ ދިފާއީ އިދާރާ އައިޑީއެފުގެ އިސް ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ ނިމޭ އިރު ގާޒާ ބަދަލުވެގެން ދާނީ ޓެންޓް ސިޓީ އަކަށެވެ. އޭނާގެ އެވާހަކަ އިތުރަށް ތަފުސީލުކޮށްދެއްވަމުން ވިދާޅުވީ ގާޒާގައި އެއްވެސް ބިލްޑިންގެއް ކޮޅަށް ހުރެގެން ނުވާނެ ކަމަށެވެ.

އިޒުރޭލުގެ އަމަލުތައް ހުރިގޮތާއި އެމީހުންގެ ވާހަކަ ހުރި ގޮތަށް ބަލައި ތަޖުރިބާކާރުން ލަފާ ކުރަނީ ހަނގުރާމަ ނިމޭ އިރު ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިސްރުގެ ސައިނާއީ ސަހަރާ ތެރެއަށް ފޮނުވައި އެތަނުގައި އެމީހުންގެ ދާއިމީ ދިރިއުޅުން ބިނާ ވެފައި އޮންނަން ޖެހޭގޮތަށް ރާވާފައިވާ ކަމުގަ އެވެ.

ފެންނަން ހުރި ހުރިހާ ހެކިތަކަށް ބަލާ އިރު އިޒުރޭލުން ފަލަސްތީނަށް މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ފަލަސްތީނުގެ ބިން އެއްކޮށް ހިފުމަށް ދުރާލައި ކުރަމުން އައި މަސައްކަތް ނިންމައިލުމުގެ ފަހު މަރުހަލާ އެވެ. އެ މަރުހަލާ އަށް އިޒުރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވަނީ ދިގު ހަނގުރާމައެއް ކަމުގަ އެވެ. އެ ހަނގުރާމައިގެ ބޭނުމާކީ އޭނާ ވިދާޅުވާ ގޮތުން ނަމަ ހަމާސްގެ ވަސް އެއްކޮށް ފޮހެލުމެވެ. ފެންނަމުންދާ މަންޒަރަށް ބަލާ އިރު ނަތަންޔާހޫ، ދުނިޔެއިން ފޮހެލާނެ ކަމަށް އެ ވިދާޅުވާ ހަމާސް އަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. ކުޑަކުދިންނާއި އަންހެނުންނެވެ. ނަސްލެއް ނައްތާލައި ގައުމެއް ފޭރިގަތުމަށް އިޒުރޭލުން ފަށާފައިވާ މަސައްކަތުގައި އެމެރިކާ އާއި ހުޅަނގުގެ ބާރުގަދަ ގައުމުތައް ވަނީ އެމީހުންނާ އެކު ބައިވެރިވެގެންނެވެ.